ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ސަފާރީއަކަށް ދޫކޮށްފައިވާ ބަނގުރާތަކެއް މާލެ ގެނެސް ގުދަންކޮށްގެން ވިއްކަމުން ދިޔަ ބަޔަކު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ، އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުޢައިބު ވިދާޅުވީ އެމައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތްތައް ކުށުގެ ވެށިން ފުލުހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރަޖްނީ ވިދާޅުވީ ބަނގުރާ ގުދަން ކުރުމަށް ބޭނުންކޮށްފައިވަނީ މ މިފްލީން ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރެވުނުއިރު އެގެއިން ގިނައަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރު ދަޅުތައް ފެނިފައިވާ ކަމަށެވެ. އެގެއަކީ އެވިޔަފާރި ކުރަމުންދިޔަ މީހުން ބަނގުރާ ސްޓޮކްކޮށް ވިޔަފާރި ކުރުމަށް ކުއްޔަށް ހިފާފައިވާ ތަނެއްކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް ވެސް ރަޖްނީ ވިދާޅުވިއެވެ.
ރަޖްނީ ވިދާޅުވީ މިމައްސަލައިގާ އުމުރުން 30 އަހަރާއި 40 އަހަރާ ދެމުދުގެ ބަނގްލަދޭޝްގެ ދެމީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށާއި އެދެމީހުންނަކީ ވެސް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ދެމީހުން ކަމަށެވެ.
އަދި މިމައްސަލައާއި ގުޅިގެން އުމުރުން 18 އަހަރު، 20 އަހަރު، 21 އަހަރު އަދި 26 އަހަރުގެ 4 ދިވެއްސަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނޭ ކަމަށާއި މި ހަތަރު މީހުންނަކީވެސް މާރާމާރީއާއި ބަނގުރަލުގެ މައްސަލަތަކުގެ ރެކޯޑްސް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮންނަ 4 މީހުން ކަމަށް ރަޖްނީ ވިދާޅުވިއެވެ.
މިއޮޕަރޭޝަންގައި އަތުލައިގަނެފައިވަނީ އޮރިޖިނަލް ޕެކިންގގައި ހުރި 411 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާއެއްޗެއް ހުރި 5 ލިޓަރުގެ ފުޅިއެކެވެ. މީގެ އިތުރުން އޮރިޖިނަލް ޕެކިންގގައި ހުރި އެކި ބްރޭންޑް ތަކުގެ 84 ދަޅު ބިޔަރުވެސް އަތުލައިގެންފައި ވެއެވެ.
ރަޖްނީ ވިދާޅުވީ މިމައަސަލައިގާ އަތުލައިގަނެވުނު ބަނގުރަލާއި ބިޔަރު ދަޅު ތަކަކީ ހުޅުމާލޭ ބޮންޑެޑްވެއަރހައުސްއިން ޓުއަރިސްޓުންނަށް ޚިދުމަތްދިނުމަށް ސަފާރީއަކަށް ދޫކޮށްފައިވާ ތަކެތިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މިމައްސަލައާއި ގުޅޭ އިތުރު ފަރާތްތަކެއް ތިބިކަން ފުލުހުންނަށް ޤަބޫލް ކުރެވޭތީ އެފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރަޖްނީ ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ސަފާރީ ތަކަށް ދޫކޮށްފައިވާ ބަނގުރާ ވިއްކުމުގެ ހުއްދަ ނާޖާއިޒް ގޮތުގައި ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ބައެއް ގޭގޭގައިވެސް ގިނަ އަދަދަކަށް ބަނގުރާ ބަހައްޓައިގެން ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގެ ކުއްޔަށް ހިފާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށާއި އެކަންކަމަށް ގެ ކުއްޔަށް ދޭ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.