ރާއްޖޭގެ އެކިރަށްރަށުގައި ނަގާފައިވާ އިދިކޮޅު އެމްޑީޕީގެ ދިދަތައް ތިރި ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ލ.މާމެންދޫގައި ނެގި އެމްޑީޕީގެ ދިދަ ފުލުހުން ބޭލުމުން އެ ދިދަ ނަގާފައި ހުރި ހޮޅި ދަނޑިއަށް ބާ ޓިނުގަނޑެއް ނަގައިފިއެވެ.
މާމެންދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މިދިޔަ މާރޗު މަހުގެ 23 ވަނަ ދުވަހު އެރަށުގައި އެމްޑީޕީގެ ދިދައެއް ނެގި ކަމަށާއި އެ ދިދަ ނެގި ދުވަހުގެ ރޭ ފުލުހުން އެ ދިދަ ބާލާފައި ކަމަށެވެ.
އެހެންކަމުން އެމްޑީޕީގެ އެ ދިދަ ފުލުހުން ބޭލުމާއެކު ހަމަ އެ ދިދަ ދަނޑިއަށް ބާ ޓިނުގަނޑެއް ނަގާފައިވާ ކަމަށެެވެ. މިކަން ކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
ބާޓިނު ގަނޑެއް ހޮޅި ދަނޑިއަށް ނެގުމާއެކު ފުލުހުންނަށް އެކަން އެނގިގެން ފުލުހުން ގޮސް އެ ޓިނުގަނޑު ތިރިކޮށްފައި ވަނިކޮށް ދެވަނަ ފަހަރަށް ހަމަ އެ ޓިނުގަނޑު ބަޔަކު މީހުންވަނީ އެ ދަނޑިއަށް ނަގާފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެމްޑީޕީގެ ބޮޑެތި ދިދަތައް ނަގަމުންދާއިރު، ފުލުހުން ދަނީ އެ ދިދަތައް ތިރި ކުރަމުން ނެވެ.
އެގޮތުން ބައެއް ރަށްރަށުގައި ނަގާފައިވާ ބޮޑެތި ދިދަތައް ރަށްރަށުގައި ހުރި ބޮޑެތި ރުއްގަސްތަކަށް ނަގަމުންދާއިރު، ފުލުހުންނަށް އެ ދިދަތައް ބޭލުމުގައިވެސް ދަތިތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ބައެއް ރަށްރަށުގައި ނަގާފައިވާ އެމްޑީޕީގެ ދިދަތައް ފުލުހުންނަށް ނުބޭލިގެން ބިދޭސީ މަސައްކަތު މީހުން މެދުވެރިކޮށްގެން ވެސް އެމްޑީޕީގެ ދިދަ ތިރިކޮށްފައި ވެއެވެ.
މާމެންދޫއަކީ 1400 އެއްހާ މީހުން ދިރިއުޅޭ ރަށެވެ. ރަށު ކައުންސިލުގެ ތިން ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުން ނެވެ.
އެމްޑީޕީގެ ބޮޑު ދިދަ ރަށްރަށުގައި ނެގުން އިތުރުވެގެން ގޮސްފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ނެވެ.
ސުޕްރީމް ކޯޓުން ނެރުނު އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބަޔާން ނެރުނު މައްސަލާގައި މާމެންދޫގެ ތިން ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.