ރާއްޖޭގައި މިހާރު ޓެރަރިޒަމްގެ ދައުވާ ކުރަނީ އެފަދަ ކުށެއް މީހަކު ކޮށްގެން ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ޖުމްހޫރީ ޕާޓީގެ މައިހަރުގެ މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވީ ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ނުވަތަ އެލީޑަރުންގެ ދަރިން ވަނީ ޖަލަށް ލާފައި ކަމަށާއި މިރާއްޖޭގައި މިހާރު އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ. މިސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެފި ކޮންމެ މީހަކަށް ނުވަތަ ވާހަކަ ދައްކައިފި ކޮންމެ މީހަކަށް އޮތީ ޖަލުގެ ކުޑަގޮޅި ކަމަށެވެ.
ޢަލީ ހުސައިން ވިދާޅުވީ ޤައުމެއްގެ ނިސްބަތުން އަނިޔާވެރިވެ ޚިޔާނާތްތެރިވަމުންދާނަމަ އެޤައުމެއްގެ ރައްޔިތުން އެވާހަކައެއް ދައްކާނެ ކަމަށާއި އެރައްޔިތުންގެ ފަރާތުން އެވާހަކަތައް ދެއްކުމަށް އެންމެ އައުލާކަން ބޮޑުވެގެންވާ ފަރާތަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން އިސްލާހަށް ފެށި މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި އޭގެ ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ. އަދި ޖުޑިޝަރީވެސް އެއްތެދުވެ އޮލަނބަށް މަސައްކަތް ކުރުން ވެސް އެއީ އޭގެ ހެއްކެތް ކަމަށެވެ. ނަމަވެސް 1 ފެބްރުއަރީގައި ހުކުމާއެކު ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާއި ފަނޑިޔާރު ޢަލީ ހަމީދުގެ މުސާރަ ދިނުން ހުއްޓާލުމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ފަހުން ހެދޭ ޤާނޫނަކުން މީހަކާމެދު ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެދެފަނޑިޔާރުންގެ މުސާރަ ނުހިފެހެއްޓޭނެ ކަމަށެވެ. އަދެފަނޑިޔާރުން ކުރި ކުށެއް ނެތް ކަމަށާއި ކުރެއްވި ހުކުމަކުން ޓެރަރިޒަމްގެ ދައުވާއެއް ނުއުފުލޭނެ ކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ ހުސައިން ވިދާޅުވީ ކުރެއްވި ހުކުމަކުން ރައްޔިތުންނަށް ލިބުނު ބިރުވެރިކަމެއް ނެތް ކަމަށާއި ލިބުނީ ތަސައްލީއެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ ދައުވާ މިހާރު އުފުލަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިގެން ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް ކަމަށް ޢަލީ ހުސައިން ވިދާޅުވިއެވެ.