ދައުލަތަށް ދޫކޮށްލާފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ވިއްކަން އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ވިއްކުމަށް ހުޅުވާލާފައި ވަނީ މާފަންނު 15 ބިމަކާއި މައްޗަންގޯޅީގެ ދެ ބިމެއްގެ އިތުރުން ގަލޮޅު ފަސް މިބަކާއި ހެންވޭރުގެ ފަސް ބިމެކެވެ.
ބިންތައް ވިއްކުމުގައި އިސްކަންދޭނީ އެ ގަތަކުގެ ބެހެނިވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށެވެ. ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.
ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ލިޔުންތައް ހުށަހެޅުމަށް ކަނޑައަޅާފައިވަނީ އޭޕްރީލް 19 ގެ ނިޔަލަށެވެ.
އަކަފޫޓެއް ވިއްކާ އަގަކީ 2000ރ. އަށެވެ. މި ބިންތައް ވިއްކުމުގައި ޢަމަލުކުރާނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މާލޭގެ ހަތަރު އަވަށުން 27 ބިމެއް ވިއްކުމަށް ހުޅުވާލާފައިވާއިރު މާފާންނު ހުޅަނގަށް ނިސްބަތްވާ 256 ގޭބީސީއަކަށް ފްލެޓް ދޭން ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިދިޔަ ހަފްތާގައި ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސޯޝަލް ހައުސިންގް މަޝްރޫއުތަކުގެ ތެރެއިން 6000 ފްލެޓް އެޅުމަށް ހަމަޖެހިފައިވާއިރު ޒުވާނުންނާއި މާލޭގެ ރައްޔިތުންނަށް ގިނަ ފްލެޓްތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.