ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު ޢަލީގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިން ހުންނަވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.
ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އަދި ދައުލަތުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިމަހު 30 ން އަންނަ މަހު 1ގެ ނިޔަލަށް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ މިއަދު ރާއްޖެ ވަޑައިގެންނެވީ ޕާކިސްތާނު އަސްކަރިއްޔާގެ ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.
ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 28 ނޮވެމްބަރު 2016 ގައެވެ.