ފުލުހުން ހައްޔަރުކޮށްގެން ބަންދަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިގެން ފިލަން އުޅެފިއެވެ.
ފިލަން މަސައްކަތްކޮށްފައި ވަނީ ފުލުހުން ހައްޔަރުކޮށްގެން، ތަހުގީގީ ޖަލެއްގެ ގޮތުގައި ބޭނުންކުރާ އަތޮޅުވެއްސަށް ވައްދަން އުޅުނު މީހެކެވެ. ވެހިކަލަކަށް އަރުވައިގެން އަތޮވެއްސަށް ވައްދަން އުޅެނިކޮށް އޭނާ ވަނީ ފިލަން ވެގެން ވެހިކަލުން ފުންމާލައިގެން، މާލެ ދެކުނު ފަރާތު ބަނދަރާ ދިމާލުން މޫދަށް ފުންމާލާފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައެވެ.
އޭނާ ހޯދުމުގެ މަސައްކަތުގައި އެސްއޯ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވި މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން މާލެ ދެކުނު ފަރާތު، ނެރާ ދިމާލާއި ބަނދަރުގައި އަޅާފައިވާ އުޅަނދުތަކަށް ފުލުހުން އަރައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރާ މަންޒަރު ފެނެވެ. އެ މަންޒަރު ބެލުމަށް އާންމު ވެސް އެތަނަށް ޖަމާވެފައިވާ މަންޒަރު ފެނެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާއަށް ކޮމެންޓެއް ނުކުރިއެވެ. ފިލަން މަސައްކަތްކޮށްފައި ވަނީ ކޮން ތުހުމަތެއްގައި ހައްޔަރު ކުރި މީހެއް ކަމެއް ވެސް ފުލުހުން ނުބުންޏެވެ. އަދި އެމީހާ މިހާރު ވީ ކޮންތާކު ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލަން މަސައްކަތް ކުރުމަކީ ކުށެކެވެ. އާ ގާނޫނުލް އުގޫބާތުގެ ދަށުން އެފަދަ މީހުންނަށް ދެވޭ އުގޫބާތުގެ އަދަބު ވެސް ބޮޑެވެ. އެ ކުށަކީ ޖަލު ހުކުމް ތަންފީޒު ކުރަންޖެހޭ ފަދަ ކުށެކެވެ.