ފުލުހުންގެ މުވައްސާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ފުންކޮށް ވިސްނައި، ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ދިވެހި ފުލުހުންނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
ފުލުހުންގެ ޚިދުމަތަށް 85 އަހަރުފުރުމާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާ މިއަދު ސިފަކުރެވެނީ އިންސާފުން އެއްކިބާވެ، ޤާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންގެ އިދާރާގެ ކަންކަން ބައްޓަންކޮށް، ކުރީ ސަފުތަކުގައި ތިއްބަވާ އިސް އޮފިސަރުންގެ ޢަމަލުތަކުގެ ސަބަބުން މުޅި މުއައްސަސާ މިއަދު ވަނީ ޚަރާބުވެފައި ކަމަށް ޕާޓީތަކުގެ ބަޔާނުގައި ވެއެވެ.
އޭގެ ތެރޭގައި ޤާނޫނާ ޚިލާފަށް އާންމު ފުލުހުން މެދުވެރިކޮށް ކަންކަން ކުރުވުމާއި، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ހުތުރު ބަހުރުވައިން މުޢާމަލާތް ކުރުމާއި، އަނިޔާ ކުރުން ފަދަ ކަންކަމުގެ ސަބަބުން މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، ހުވާކޮށްގެން ތިބެ ދޮގު ހެކި ދިނުން ފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަކަން އެފަދަ ޢަމަލުތަކުގައި ބައިވެރިވާ ފުލުހުންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި އެފަދަ ކަންކަން ކުރާ ވަކިވަކި ފުލުހުން ފާހަގަކޮށް އެ ފުލުހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ދީފައިވާ އިންޒާރު ތަކުރާރުކޮށްފައި ވެއެވެ.
ޕާޓީތަކުގެ ބަޔާން ނިންމާލާފައި ވަނީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ޙައްލުކުރުމަށް ހުރަސްނޭޅުމަށާއި، ޤާނޫނުގައި ވާގޮތުގެ މަތީން ފުލުުހުންގެ ޤައުމީ ވާޖިބު އަދާކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.