އެކި ތުހުމަތުތަކާ ގުޅިގެން ހައްޔަރު ކުރާ މީހުން ބައިތިއްބާ ދޫނިދޫގައި މަސައްކަތްކުރާ އިސް ފުލުހެއްގެ ފޯނު ހިފަހައްޓާފައިވާކަން "ރާއްޖެއެމްވީ"އަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހިފަހައްޓާފައި ވަނީ ދޫނިދޫގައި މަސައްކަތް ކުރާ ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަ އަކްރަމް އަބްދުލް ވައްހާބުގެ ފޯނެވެ. އޭނާގެ ފޯނު ހިފަހައްޓާފައި ވަނީ ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ އެވެ. އޭނާގެ ފޯނު ހިފަހައްޓާފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެނގިފައި ވެއެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ބުނެފައެއް ނުވެއެވެ.
އަކްރަމަކީ ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ އާއިލީ ގުޅުން އޮންނަ ފުލުހެކެވެ.
އަބްދުﷲ ރިޔާޒު ބަންދުކޮށްފައިވާއިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އެންމެ ފަހުން ކޮމިޝަނަރ އޮޕް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވެސް ހައްޔަރުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފައެވެ.
ދޫނިދޫގައި ބަންދުގައި ތިބި ފަރާތްތަކެއް ދޫކޮށްލަން އުޅޭ ކަމަށް ބުނެ ދޫނިދޫގައި މަސައްކަތްކުރާ އިސް ފުލުހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގިނަ ކަންތައްތަކެއް ދަނީ ފެންމަތި ވަމުންނެވެ. އެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދާއިރު، ތަންފީޒީ އިދާރާތުގެ އިސްވެރިން ވެސް ދަނީ އެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދަމުންނެވެ.
ސަރުކާރުން ބުނަމުން ދަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރެފައިވާ އަމުރަކީ ސަރުކާރު ވައްޓާލުމަށް ނެރެފައިވާ އަމުރެއް ކަމަށާއި އަދި އެއީ ސުޕްރީމް ކޯޓުގެ ތެރެއިން ހިންގާފައިވާ ބަޣާވާތެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރު ނެރުމުން ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރައްވާފަ އެވެ. މީގެ އިތުރުން ވެސް ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށް، ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެސްއޯ ފުލުހުންތަކެއް ވެސް ހައްޔަރު ކޮށްފައި ވެއެވެ. ހައްޔަރުކޮށްފައި ވަނީ އެ އަމުރު ތަންފީޒުކުރަން އުޅުނު ބައެއް ކަމަށް ވެއެވެ.