ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކި ވާހަކަތަކެއް ގެނެސްދިނުމާއި ގުޅިގެން ސަންގުޓީވީވެސް ޖޫރިމަނާ ކޮށްފިއެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން ސަންގުޓީވީ 100000 ރުފިޔާއިން ޖުރިމާނާކޮށްފައި މިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މުސްތަފާ ދެއްކެވި ވާހަކަތަކެއް ވަގުތުން ގެނެސްދެމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މުސްތަފާ "އަވަގުރާނަ ގޮވި" ކަމަށް ބުނެއެވެ.
މިއީ އަބުރުގެ ގާނޫނުގެ ދަށުން ސަންގުޓީވީ ޖޫރިމާނާ ކުރި ފުރަތަމަ ފަހަރެވެ. އެ މައްސަލާގައި 100000 ރުފިޔާއިން ސަންގުޓީވީ ޖޫރިމަނާ ކޮށްފައިވަނީ ވެސް އެއީ ސަންގުޓީވީ އެފަދަ މައްސަލައެއްގައި ކުށްވެރިވި ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ސަންގުޓީވީއަށް ވަނީ އަންގާފައެވެ.
ސަންގުޓީވީ 100000 ރުފިޔާއިން ޖޫރިމާނާ ކުރުމުގެ އިތުރުން އެ ކޮންޓެންޓު ގެނެސްދީފައިވާތީ އެކަމަށް މާފަށް އެދި އަންނަ އެޕްރީލު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ކުރިން ބަޔާނެއް އެ ޓީވީން އާއްމު ކުރުމަށް ވެސް އަންގާފައިވެއެވެ.
ޕްރޮގްރާމެއްގައި މުސްތަފާ ދެއްކެވި ވާހަކައަކާއި ގުޅިގެން ރާއްޖެ ޓީވީ ވަނީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި ވީޓީވީވެސް ވަނީ ޕްރޮގްރާމެއްގައި މުސްތަފާ ދެއްކި ވާހަކައަކާއި ގުޅިގެން 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.