ހދ ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލިތާ ދެދުވަސް ފަހުން އަނެއްކާ އަނެއް ދިދަ އެރަށު ރުކަކަށް ނަގައިފިއެވެ.
އެރަށު ހުޅަނގު ފަރާތު އަތިރި މަތީގައި ހުރި ރުކަކަށް އެމްޑީޕީގެ ދިދައެއް ނަގާފައިވަނިކޮށް އެރުއް ކަނޑާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަރާތު، އަތިރިމަތީގައި ހުރި ރުކަކަށް ނަގާފައިވާ އެމްޑީޕީގެ ދިދައެއް ތިރިކުރުމަށް ފުލުހުން އެކި ފަހަރުމަތިން އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އާންމުންގެ މީހަކު އަރުވައިގެން، އެ ދިދަ ބޭލުމަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އަހުމަދު ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރުކަށް ނަގާފައިވާ އެމްޑީޕީގެ ދިދަ ބޭލުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވީ ރުކުގެ ވަކި ހިސާބެއްގައި ގިރިސް ހާކާފައި ހުރުމުން، ރުކަށް އެރުމަށް ދަތިތަކާ ކުރިމަތިވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އަންގާރަ ދުވަހު ހެނދުނު ބެލިއިރު، ދިދަ ނަގާފައިވާ ރުއް ކަނޑައި ވައްޓާލާފައިވާ ކަމަށެވެ. އެކަން ކުރީ ކޮން ބަޔަކު ކަމެއް ނޭނގޭ ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ފުލުހުން ތިބޭ އެރަށުން އެރުއް ކަނޑާލިތާ ދެދުވަސްފަހުން ބުރާސްފަތި ދުވަހަށް އަލިވިލުނުއިރު ވަނީ ކަނޑާލި ރުއް ކައިރީގައި ހުރި ރުކަކަށް އެމްޑީޕީގެ ދިދައެއް ނަގާފައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު އެކަން ރާއްޖެ އެމްވީއަށް ޔަޤީންކޮށްދީފައިވާއިރު އެދިދައިގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރުކުގައި ވެސް ވަނީ ވަކި ހިސާބެއްގައި ގިރިސް އުނގުޅާފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ގަސްކަރަމަތީގައި ނަގާފައިވާ އެމްޑީޕީ ދިދަތައް ފުލުހުން ނުކުމެދަނީ ތިރިކުރަމުންނެވެ. އެންޓަނާތަކާއި އުސް އިމާރާތްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދަތައް ފުލުހުން ނަގަމުންދަނީ ހޯމް މިނިސްޓްރީން ހެދި ގަވާއިދެއްގެ ދަށުންނެވެ. އެ މިނިސްޓްރީން ހެދި ގަވާއިދެއްގައި ބުނެފައިވާ ގޮތުން، ގައުމީ ދިދައަށް ވުރެ މައްޗަށް އެހެން ދިދައެއް ނުނެގޭނެ އެވެ. އެޤަވާއިދު ހަދާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.