މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެންބަރު އަޒްރާ މޫސާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
އެނގިފައިވާ ގޮތުގައި އަޒުރާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައި ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ބޭއްވި އެއްވުންތަކުގެ ތެރެއިން އެއްމެއްގައި އޭނާ ހައްޔަރު ކުރި މައްސަލައަކާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި އަޒުރާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ އަޒުރާ ހައްޔަރުކުރި މައްސަލައިގައެވެ. ޖެހިގެން އައި ދުވަހު އަޒުރާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އަޒްރާ ގޭގައި ބަންދު ކުރުމަށް ހަތް ދުވަސް ޖަހާފައެވެ.
އެނގިފައިވާ ގޮތުގައި އަޒުރާގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތެވެ. ޕީޖީގެ އޮފީހުން ދަނީ އަޒުރާގެ މި މައްސަލަ ދިރާސާ ކުރަމުންނެވެ. ނަމަވެސް ޕީޖީ އޮފީހުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.