ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ފުލުހުން އޭނާ ދޫކޮށްލައިފިއެވެ.
އަލީ އާޒިމް ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، އެމްއެމްއޭ ސަރަހައްދުންނެވެ. ބާރަ ދުވަހަށް ފަހު އާޒިމް ދޫކޮށްލުމުން، އަތޮޅު ވެހި ސަރަހައްދުގައި ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހައްޔަރުކުރިޔަސް އުއްމީދު ދޫނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދު ބައްޔެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. "މި ސަރުކާރު ބަދަލުކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން."
ރައްޔިތުންގެ އެތައް ބައިވަރު އަސާސީ ހައްގުތަކެއް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށާއި ރައްޔިތުންގެ ވަރަށް ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާ ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދޫނިދޫގައި ހައްޔަރީން ލާފައިވާ ގޮޅިތަކުގެ ހާލަތާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ "ރަނގަޅު ވާނީ ގޮޅިތަކުގެ ހާލަތުގެ ވާހަކަ ނުދެއްކުން" ކަމަށެވެ.
ދޫނިދޫގައި މީހުން ހައްޔަރުކޮށްފައި ތިބި ކުޑަކުޑަ ގޮޅެއްގައި ދެ މީހުން ކަމަށާއި އެ ގޮޅިތަކުގައި ރަނގަޅަށް ފާހާނަ ކުރެވޭނެ ގޮތެއް ނުހުންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ގޮޅިތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަނީ ހައްޔަރީންގެ ބަރަހަނާ މަންޒަރު ބެލުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ޖަލުގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހާލު ވެސް ވަރަށް ރަނގަޅު ކަމަށާއި ހިތްވަރު ދެރަނުކޮށް ރައްޔިތުން މަސައްކަތް ކުރުމަށް އެ މެމްބަރުން އެދިވަޑައިގެންނެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ މައްޗަށް ތުހްމަތުކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ދައުލަތް ހުއްޓުވުމުގެ ކުށެވެ. އޭނާ ވިދާޅުވި ހައްޔަރުކުރާ ކޮންމެ މީހަކީ ވެސް ކުށްވެރިއެއް ކަމަށް ފުލުހުން ދެކޭ ކަމަށާއި އެމީހެއްގެ މައުސޫމްކަން ސާބިތުކޮށްދޭން ޖެހެނީ އެ މީހާ އަމިއްލައަށް ކަމަށް ފުލުހުން ދެކޭ ކަމަށެވެ.
އާޒިމްގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި، މެމްބަރު އިލްހާމްގެ ކޮއްކޮ، އާދަމް ޒާލިފް ވެސް ބުދަ ދުވަހު ވަނީ ދޫކޮށްލާފައެވެ. އަދި އާޒިމާ އެކު ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒު ވެސް ވަނީ ދޫކޮށްލައިފައެވެ.