ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާކީ އޮތް މަދު ދުވަސްކޮޅުވެސް ރަނގަޅަށް އެމަނިކުފާނު ވެރިކަން ކުރައްވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރކަން ކުރެއްވި އަސްލަމް ވިދާޅުވީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ރައީސް ޔާމީން ހަމަ މަގަށް އެޅިދާނެ ކަމަށް އުއްމީދެއް ނެތްކަމަށެވެ. ރާއްޖެ ޓީވީގެ 'ބޮޑު ސުވާލު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ރަނގަޅަށް ވެރިކަން ކުރައްވަފާނެ ކަމަށް ހީފުޅުކުރެއްވިކަމަށެވެ. ސަބަބަކީ ރައީސް ޔާމީނަކީ ވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކަށްވެފައި، ރައީސް މައުމޫންގެ ސަރުކާރުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ވެރިކަމުގެ ދާއިރާގައި ވަރަށް އެތެރެކޮއިލުގައި، ވަރަށް ޒަމާން ވަންދެން އުޅުއްވި ބޭފުޅަކަށްވީމައި، ވަރަށް ނަލަކޮށް ރީތިކޮށް ތަރުތީބުން ތަޖުރިބާހުރި މީހުންނާއިއެކު ވެރިކަން ކުރައްވާނެކަމަށް އަޅުގަނޑު ހީކުރިން. އަޅުގަނޑު ތާޢިދުކުރި ބޭފުޅެއް ނޫން. އިންތިޚާބުކުރުމަށް ވޯޓުވެސް ދިން ބޭފުޅެއް ނޫން އެމަނިކުފާނަކީ. އެހެން ނަމަވެސް އަޅުގަނޑު ހީކުރިން އެމަނިކުފާނަކު އެކަން ކުރައްވާނެއޭ. އެކަން ނުކުރެވުތަން މިފެނުނީ،" އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ދެން އެމަނިކުފާނަށް ރަނގަޅަށް ވެރިކަން ނުކުރެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ދެން އޮތީ ޤާނޫނީ ހަމަތަކުގެ މަތިން ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނުން ކަމަށާއި، އެކަން ކުރަން ބައިވަރު ގޮތްތައް ޤާނޫނުގައި ކަނޑައެޅިފައި އޮންނަކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"އޭގެ ތެރެއިން އެއްގޮތް ރައްޔިތުންގެ މަޖިލިސްތެރެއިން އެކަން ކުރުން. އަނެއް ގޮތް ރައްޔިތުން ވޯޓު ލައިގެން އެކަން ކުރުން. ދެން މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިސާރުކުރެވިފައި އޮތްތަން. އަދި ކޯޓުތައްވެސް ހިސާރުކުރެވިފައި އޮތްތަން."
މަޖިލީހާއި ކޯޓުތައް ހިސާރުކޮށްފައި އޮތުމުން ދެން ރައްޔިތުން ކުރާ މަސައްކަތަކީ އިންތިޚާބެއްގައި ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް ކުރާ މަސައްކަތްތައްކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަން ކުރަން ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެކަމަށެވެ.
އަސްލަމް ވިދާޅުވީ މައްސަލަތައް ހައްލުކުރަން ވާހަކަ ދައްކަން ބަލާއިރު، ވާހަކަ ދައްކަން ތިބި ހުރިހާ އިސް ފަރާތްތައް ތިބީ ޖަލަށް ލާފައިކަމަށާއި، އެހެންކަމުން ސަރުކާރުން އެމަގުވެސް ބަންދުކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ދައްކާ ވާހަކަ ބައިނަލްއަޤްވާމީ މުޖްތަމައުން އަޑުއަހަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.