ރާއްޖެޓީވީގެ ނޫސްވެރިން ކަމަށްވާ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ފުލުހުންނަށް ހެއްކެއް ދެއްކިފައި ނުވާތީ އެ ދެ މީހުން ދޫކޮށްލުމަށް ކްރިމިނަކް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އާމިރާއި ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ 15:00 އަށެވެ.
އެ ދެ ނޫސްވެރިން ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ހެއްކެއް ހުށަހަޅާފައި ނުވާތީ އެވެ. އެ ދެ މީހުންގެ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ހަމައެކަނި އޮތީ ހައްޔަރުކުރިއިރު އޮތް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ. އަދި ބަންދުގެ މުއްދަތުގައި ވެސް ފުލުހުންނަށް އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ވިސާމާއި އާމިރު ހައްޔަރުކުރީ މާޗް 16، 2018 ވަނަ ދުވަހުގެ ރެއެވެ.
ވިސާމާއި އާމިރު ހައްޔަރުކުރީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ކަމުގެ ތުހްމަތުގައެވެ. އެއްވެސް ހެއްކެއް ނެތި އެ ދެ ނޫސްވެރިން ހައްޔަރުކޮށް، 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެންނެވެ.
މި ދެ ނޫސްވެރިންނާ އެކު ހަމަ މިމައްސަލާގައި ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް އަދި މީޑިއާ ކޯޑިނޭޓަރު ހަސަން އިސްމާއީލް ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ބަންދަށް އިތުރުކުރި ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުނުކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ވެސް ކޮށްލާފައެވެ.
ވިސާމާއި އާމިރު ހައްޔަރު ކުރީ، ރާއްޖެ ޓީވީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދޭ ސްޓޭޝަނެއް ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެ ޓީވީ ނައްތާލުމަށް ވެސް ގޮވާލާފައި ވަނިކޮށެވެ.