ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ތިން އަހަރުގެ ކުޑަކުއްޖާ، މުހައްމަދު އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އޭނާގެ މާމަ، ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
އިބްތިހާލުގެ މާމަ، ވ. ރަކީދޫ ސާފިޔާ މުހައްމަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އެގޮތަށް ބުނެފައި ވަނީ މަރުގެ އެ މައްސަލާގައި އިބްތިހާލުގެ މަންމަ، އާފިޔާ މުހައްމަދު މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މެރުގެ ދައުވާގެ ޝަރީއަތުގައެވެ.
އިބްތިހާލުގެ ވާރިސުންގެ ބަސް ހޯދުމަށް އަންގާރަ ދުވަހު ބޭއްވި ޝަރީއަތް ފެށުމާ އެކު، ދައުލަތުން ބުނެފައި ވަނީ މަންމައެއްގެ އަތުން އުފަންދަރިއަކު މަރުވެއްޖެ ނަމަ މަރަށް މަރު ނުހިފޭނެ ކަމަށް އިސްލާމީ ޝަރިއްޔާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން މަރުގެ އެ މައްސަލާގައި މަރަށް މަރު ނުހިފޭނެ ކަމަށާއި ވާރިސުންގެ ބަސް ވެސް ޝަރީއަތަށް ހޯދަން ނުޖެހޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުން ފާހަގަ ކުރި ކަންކަން ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވެ، މައްސަލަ ބައްލަވާ ގާޒީ މުޖުތާޒު ފަހުމީ ވިދާޅުވީ އާފިޔާގެ މައްޗަށް މަރަށް މަރު ނުހިފުނަސް، މަރުގެ ދިޔަ ހޯދަންޖެހޭނެ ކަމަށް ބުނާތީ، އެކަން ސާފުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ވާރިސުންގެ ބަސް ޝަރީއަތަށް ބޭނުންވާނެ ކަމަށް ގާޒީ މުޖުތާޒު ވިދާޅުވިއެވެ.
ޝަރީއަތުގެ މަޖިލީހަށް އާފިޔާގެ މަންމަ، ސާފިޔާ މުހައްމަދު ހާޒިރު ކުރުމަށް ފަހު، ގާޒީ ސުވާލު ކުރެއްވީ އިބްތިހާލުގެ މަރުގެ ދިޔަ ބޭނުންވޭތޯއެވެ. ޖަވާބުގައި އަވަސް އަރުވާލައިގެން ސާފިޔާ ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. ސާފިޔާ އެހެން ބުނި އިރު، އޭނާ ހުރީ ބިރުގަނެ، ޖެހިލުންވެފައެވެ. ވާހަކަ ދެއްކިއިރު، އަޑުގައި ތުރުތުރުލުމެއް ވެސް ހުއްޓެވެ.
ތެދުބަހުން ވާހަކަ ދެއްކުމަށް ޝަރުތުކޮށް، ސާފިޔާއަށް ހުވާ ލައިދިން ވަގުތު ވެސް ސާފިޔާއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. މާތްﷲ ގަންދީ ކުރި ހުވައިގެ ޖުމްލަތައް ގާޒީގެ އަޑުދަށުން ސާފިޔާއަށް ކިޔައި ނިންމާލެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.
މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ސާފިޔާ ބުނުމުން، ގާޒީ ވަނީ އެކި ގޮތްތަކަށް ސުވާލުކޮށް މަރުގެ ދިޔަ ބޭނުން ނުވާކަން އޭނާގެ ފަރާތުން ކަށަވަރުކޮށްފައެވެ. މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި ނަގައިދެނީ 100،000 ރުފިޔާ ކަމަށް ޝަރީއަތުން ފާހަގަ ކުރުމުން ވެސް ސާފިޔާ ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ.
އިބްތިހާލުގެ މާމަ ޝަރީއަތުގައި ވާހަކަ ދައްކަމުންދިޔަ ވަގުތު، އިބްތިހާލުގެ މަންމަ އާފިޔާ އިނީ އިސްޖަހައިގެންނެވެ.
އިބްތިހާލުގެ އިތުރު ވާރިސުން ދުނިޔޭގައި ތިބިތޯ ގާޒީ ސުވާލު ކުރެއްވުމުން، ސާފިޔާ ބުނީ އޭނާއަށް ނޭނގޭ ކަމަށެވެ. އިބްތިހާލުގެ ބައްޕައެއް ހުރޭތޯ ސުވާލު ކުރުމުން ސާފިޔާ ބުނީ އިބްތިހާލަކީ ބައްޕައެއް ނެތް ކުއްޖެއް ކަމަށެވެ. އާފިޔާގެ އިތުރު ދަރިން ތިބޭތޯ ސުވާލު ކުރުމުން، ސާފިޔާ ބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަތިބި ކަމަށާއި ނަމަވެސް އެ ކުދިންގެ ނަމެއް ނޭނގޭ ކަމަށެވެ. އަށާރަ އަހަރު ނުފުރޭ އެ ދެ ކުދިން ދިރިއުޅެނީ އެ ކުދިންގެ ބައްޕަ ކައިރީގައި ކަމަށް ވެސް ސާފިޔާ ބުންޏެވެ.
އަންގާރަ ދުވަހު ބޭއްވި ޝަރީއަތް ނިންމާލީ އިބްތިހާލުގެ އިތުރު ވާރިސަކު ދުނިޔޭގައި ހުރިތޯ ކަށަވަރު ކުރުމަށްޓަކައި ރަކީދޫ ތިން މީހަކު ކޯޓަށް ހާޒިރު ކުރުމަށް ނިންމުމަށް ފަހުއެވެ. އެ ތިން މީހުންނަކީ ސާފިޔާ ޝާރީއަތަށް ހުށަހެޅި ތިން ނަމެކެވެ. އެ ތިން މީހުންނަކީ ވެސް ރަކީދޫ ކައުންސިލްގެ އިސް ތިން ބޭފުޅުންނެވެ.
ޝަރީއަތް ނިންމާލައި ކޯޓު ރޫމުން ސާފިޔާ ނުކުމެގެންދިޔަ ވަގުތު، ބިޑި އަޅުވައިގެން ކޯޓު ރޫމުން ނެރުނު އޭނާގެ ދަރިފުޅު އާފިޔާގެ އަތުގައި ހިފައި ފިރުމާލިއެވެ. އަދި އާފިޔާއާ ވާހަކަ ވެސް ދެއްކިއެވެ.