ފާނަ މަސްވެރިކަމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ދަށުން ވ. އަތޮޅުގައި ހިމާޔަތް ކުރެވިފައިވާ ސަހައްދުގައި ސަރވޭ އެއް ކުރާނެ ފަރާތެއް ހޯދުމަށް ފިޝަރީސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވ އަތޮޅުގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގައި މަލްޓި ބީމް ބެތިމެޓްރީ ސަރވޭއެއް ކުރަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެކުރިން އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް އެމިނިސްޓްރީން އެދިފައިވެ އެވެ. މިކަން ހަވާލު ކުރުމުގައި އަގާއި މަސައްކަތް ކުރެވޭނެ މުއްދަތާއި ތަޖުރިބާއަށް ބެލޭވޭނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެ އެވެ.
ފާނައިގެ މަސްވެރިކަން ކުރުމުގައި ފާނަ އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ދަށުން ވ އަތޮޅު ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކީ ފަރުކޮޅު ކަނޑުއޮޅި އެވެ. މީގެ އިތުރުން ކ އަތޮޅު ދިއްފުށީގެ ކަނޑުއޮޅި އާއި ޅ އަތޮޅުގެ ސަރަހައްދެއްގެ އިތުރުން މ އަތޮޅާއި ދ އަތޮޅުގެ ސަރަހައްދެއް ވެސް ވަނީ ހިމާޔަތް ކުރެވިފަ އެވެ. މި ސަރަހައްދުތަކުގައި ފާނައިގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.
ފާނައިގެ މަސްވެރިކަން ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި މަސްވެރިކަން ކޮށްފި ނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކޮށް އެކި އެކި މުއްދަތުތަކަށް މަސްވެރިކަން ކުރުމުގެ ލައިސެންސް ވެސް ހިފެހެއްޓިގެން ދެ އެވެ. އެގޮތުން މިފަދަ އަމަލެއް ތިން ވަނަ ފަހަރަށްކޮށްފި ކަމުގައިވާ ނަމަ، އެއް އަހަރު ދުވަހަށް އެމީހެއްގެ މަސްވެރިކަން ކުރުމުގެ ލައިސެންސް ހިފެހެއްޓޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި ގަވައިދު އެކުލަވައިލާ އަމަލުކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހު އެވެ.
ރާއްޖޭގައި ފާނަ އެކްސްޕޯޓް ކުރަން ފެށުނީ 1990 ވަނަ އަހަރު އެވެ. ފާނައިގެ މަސްވެރިކަން ކުރަން ފެށުމުން، ފާނައިގެ އާބާދީއަށް އޭގެ ނޭދެވޭ އަސަރުކޮށް ނެތި ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. ދެމެހެއްޓެނިވި ގޮތަކަށް ފާނައިގެ މަސްވެރިކަން ކުރުމަށްޓަކައި 2012 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރުން ވަނީ ފާނައިގެ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލައިފަ އެވެ.