އަޑާއި ފޮޓޯ ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހޯމަ ދުވަހުގެރޭ (މިރޭ) ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނުކަން ވެސް ކުރައްވާ އިންތި މިރޭ 9 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރު ކުރަނީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އިންތިގެ އަޑާއި ފޮޓޯ ނެގުމަށެވެ.
އިންތިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވެސް ވަނީ ހަމަ މިމައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު މި ތިން ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފޮރެންސިކް ބޭނުމަށް އެ ބޭފުޅުންގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށެވެ.
ފުލުހަށް ހާޒިރުވުމަށް ފަހު މީޑިއާ އަށް މަޢުލޫމާތު ހިއްސާކުރަމުން މެންބަރު އިންތިގެ ޤާނޫނީ ވަކީލު، އަޙުމަދު ޢަބްދުﷲ އަފީފު ވިދާޅުވެފައި، ފުލުހުން ބޭނުންވީ އިންތިގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށް ކަމަށާއި، އެތަކެތި ހޯދުމަށް ފުލުހުންގެ އަތުގައި މިވަގުތު ކޯޓު އަމުރެއް ނެތް ކަމަށެވެ. އަދި ސާމްޕަލް ދޭނީ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ނަޒީރާއި އަމީތު ވަނީ އެދުވަހު އަޑުގެ ސާމްޕަލާއި ފޮޓޯ ވެސް ފުލުހުންނަށް ދީފައެވެ.