އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ފަހުމީގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައި މިމަހުގެ 22 ވަނަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ނެވެ.
ފަހުމީގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން ފުލުހުންގެ ފަރާތުން ކަށަވަރުވާގޮތް ވަނީ ނުވެފަ އެވެ.
ފަހުމީގެ މައްޗަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގެ ތުހުމަތު ކޮށްފައި ވެއެވެ.
މީގެ އިތުރުން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެހަދާ ނަކަލު ކުރުމުގެ ކުށުގެ ތުހުމަތާއި އޮޅުވާލުމުގެ ކުށުގެ ތުހުމަތާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުވެސް ފަހުމީގެ މައްޗަށް ކުރެއެވެ.
ފަހުމީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން ތަހުގީގު ހިންގާ ފޯމްގައި ބުނެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރުކޮށް އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑު ހަދައި، އަދި އެތައްގަނޑު ބޭނުން ކުރުމަށް ފަހު އެއޮތޯރިޓީގައި ކުރިން މަސައްކަތްކުރި އިސްފަރާތެއްގެ ނަމުގައި އީމެއިލްއެއް ހަދައި، އެ އީމެއިލް ބޭނުން ކޮށްގެން އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން އީމެއިލްތަކެއް ފޮނުވައި، ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ކޮށްފައިނުވާ ބޯޓަކަށް ސައްހަ ނޫން ކޯލްސައިންތަކެެއް ހަދައި، އެބޯޓުގައި ދިވެހިރާއްޖޭގެ ދިދަ ބޭނުންކޮށްގެން ޓެރެރިޒަމަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
ފަހުމީ ހައްޔަރުކޮށްފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެއިން ކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހި ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއަމަލާތްތަކެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީ އިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޝިން ޔުއާން 18' އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި، އެގައުމުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލަައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ.
ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކީ ރައީސް އަބްދުﷲ ޔާމީންއާއި ގާތް ގުޅުމެއް އޮންނަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ، އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ ގްރީން ބޮކްސް ކުންފުންޏަށް ނިސްބަތްވާ ޓޭންކަރެއް ކަމަށެވެ. އަދި އެ ޓޭންކަރާއި މާލޭގެ ގޯއްޗެއް މޯގޭޖް ކުރުމަށް ފަހު 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން، ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ އެ ޓޭންކަރަކީ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮންނަ ޓޭންކަރެއް ނޫން ކަމަށެވެ. އަދި އެއްވެސް ލޯނެއް ވެސް އެފަދަ އިން ނަގާފައި ނުވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
'ޝިން ޔުއާން 18' ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ އުޅަނދަކާ ދެމެދު ކަނޑުމަތީގައި މަނާކުރެވިފައިވާ މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ދިވެހިންގެ އިއްޒަތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ 'ޝިން ޔުއާން 18' ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.