ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ހާބަރު ސަރަހައްދާއި ބީޗް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ސައުދީ ފަންޑް ފޯ ޑިވެޕޮލްމެންޓްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށާއި މި މަޝްރޫއުގެ ތަރައްގީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މި މަސައްކަތްކުރުމަށް ޓެންޑަރ ޑޮކިއުމެންޓްސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެއާ އެކު 1500 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި މަޝްރޫއު އަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 9 މެއި ކަމަށާއި އޭގެ ކުރިން ބޭނުންވާ މައުލޫމާތުތައް އެ އިދާރާއިން ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު އެޗްޑީސީން ވަނީ ހުޅުމާލޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.
އެގޮތުން ޓޫރިޒަމް އައިލެންޑް ތަރައްގީ ކުރުމަށާ ޝޮޕިންގ މޯލެއް އެޅުމާއި ވޯޓަރ ތީމް ޕާކެއްގެ މަސައްކަތުގެ އިތުރަށް ހެރިޓޭޖް އައިލެންޑް ތަރައްގީ ކުރުމާއި ސިޓީ ހޮޓެލް އެޅުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
ހުޅުމާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު 2014 ވަނަ އަހަރު ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި ގާނޫނެއް ތަސްދީގުކޮށްފަ އެވެ. މި ގާނޫނުގެ ދަށުން އެންމެ މަދުވެގެން 150 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ އިރު މިހާތަނަށް އެސްއީޒެޑްގެ ދަށުން އެއްވެސް އިންވެސްޓްމެންޓެއް އައިސްފައިވާކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެސްއީޒެޑްގެ ދަށުން 2016 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާ އިރު 2017 ވަނަ އަހަރު 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ބަޖެޓުގައި އަންދާޒާ ކުރި އެއްވެސް އާމްދަނީއެއް އެސްއޯޒެޑްގެ ތެރެއިން ލިބިފައިނުވާ އިރު 2018 ވަނަ އަހަރުގެ ބަޖެޓުގައި އެސްއީޒެޑްގެ ވާހަކަ ވެސް ހިމަނާފައެއް ނުވެ އެވެ.