ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވައިފިނަމަ ކޮންމެ ދާއިރާއަކުންވެސް ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދީއްތަ ދުވަހުގެރޭ ސައުދު ވިދާޅުވީ ރައީސް ޔާމީނަކަށް ވިލިނގިލީގެ އިތުރުން މުޅި ރާއްޖެއިންވެސް އެއްވެސް ތާއީދެއް ނެތްކަމަށާއި ބައި އިލެކްޝަނެއް ބާއްވައިފިނަމަ ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ. ޕީޕީއެމް ދޫކުރައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސައުދު ވިދާޅުވީ ޕީޕީއެމް މެންބަރުން އެގޮތުގައި އެބައޮތް ކަމަށާއި އެމެންބަރުން ތިބީ މިސަރުކާރާއެކުގައި ނޫން ކަމަށެވެ.
ސައުދުގެ އުފަން ރަށުގައި ސައުދަށް އިންޒާރުދިން ޖަލްސާއަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެޖަލްސާއަށް ދިޔައީވެސް ވަރަށް މަދު ބައެއް ކަމަށާއި އެއީވެސް ސައުދުގާތު އެހުމަށްފަހު ސައުދުގެ މަޝަވްރާގެ މަތިން ދިޔަ ބައެއް ކަމަށެވެ. ވިލިނގިލީގައި މިސަރުކާރަކަށް އެއްވެސް ތާއީދެއް ނެތްކަމަށާއި މިއަދު ބައި އިލެކްޝަނެއް ބޭއްވިއަސް ގުޅިފައިވާ ޕާޓީތަކުން އެއިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ސައުދު ވިދާޅުވީ ވިލިނގިލި ދާއިރާގެ އިތުރުން ރާއްޖޭގެ ކޮންމެ ދާއިރާއަކުން ބައި އިލެކްޝަނެއް ބޭއްވިއަސް ގުޅިފައިވާ ޕާޓީތަކުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށާއި ވިލިނގިލިން ރައީސް ޔާމީނަށް 200 ވޯޓްވެސް ނުލިބޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ކަނޑައެޅިނަމަވެސް ބައިއިލެކްޝަނެއް ބާއްވަން ކެރިވަޑައިނުގެން އުޅުއްވަނީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެތީކަމަށް ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ނެތް ތާއީދެއް އޮތްކަމަށް ދައްކަން ކަމަށާއި ސަރުކާރު މުވައްޒަފުންނަކީ އަޅުން ކަމަށް ހަދައިގެން ބިރު ދައްކައިގެން އުޅެނީވެސް ގިނަބަޔަކު ތާއިދު އޮތްކަމަށް ދައްކަން ކަމަށެވެ. ވިލިނގިލީ ޖަލްސާއިން ފެނުނު މީހުންނަކީވެސް އެހެން ޕާޓީތަކުން އައިސްތިބި މީހުން ކަމަށާއި ވިލިނގިލީގައި ތިބީ ރަތްލާޖެހި ޕީޕީއެމް މީހުންކަމަށް ސައުދު ވިދާޅުވި އެވެ. އެކަމަކު އެމީހުން ތިބީ މިސަރުކާރާ އެއްކޮށެއް ނޫންކަމަށާއި ބޭނުންވިނަމަ ވިލިނގިލީގައި ބޭއްވި ޖަލްސާ ހުއްޓުވޭނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.