ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
އީޕީއޭއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށް އަދި ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުން ގިނަ ބަޔަކު ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ އެއެޖެންސީއަށް ލިބެމުންދާ ކަމަށެވެ. އަދި ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށްގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުން ދާތީވެ އެކަން އެގޮތަށް ނުކުރުމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އީޕީއޭގެ ބަޔާނުގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، އެއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް އިލްތިމާސް ކުރާ ކަމަށާއި ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަވެސް ދަންނަވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
އީޕީއޭއިން ބުނީ ވެލިނެގުމަށް ބޭނުންވާ ފަރާތްތަކުން ވެލިނަގަން ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ރަށް ރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ.