ރައްޔިތުންގެ މަޖިލީޙުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުން ކެންސަލް ކޮށްފި އެވެ.
މިއީ ގާސިމް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ގާސިމް ޖަލަށްލުމަށް ކުރި ހުކުމާއި ގުޅިގެން ގާސިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. އާދިއްތަ ދުވަހުގެ 09:30 ހައިކޯޓުގައި އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކުރުމަށް ފަހު ކެންސަލް ކުރިއިރު، ކެންސަލް ކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
ހައިކޯޓުން މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރިކަން އެންގިއިރު، މިމައްސަލައާ ގުޅޭ ދައުލަތުގެ ވަކީލުންނާއި ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުން ހައިކޯޓުގައި ތިއްބެވި އެވެ. ކެންސަލް ކުރިކަން އެންގީ 10 ޖަހާއެހާކަން ހާއިރު އެވެ.
ގާސިމް ރިޝްވަތު ހުށަހެޅި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގަ އެވެ.
ގާސިމްގެ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތާ މިހާރު ހަތް މަސްވަނީ ފާއިތު ވެފަ އެވެ.
ގާސިމްގެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ތާވަލް ކޮށްފައިވާއިރު، ގާސިމް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.