ފުލުހުންނާ ގުޅޭ ވީޑިއޯއެއް ތައްޔާރުކުރި ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއީލް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހަސަނާއެކު ދެން ހައްޔަރު ކޮށްފައި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމާއި ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމެވެ.
މާރޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރު ކުރުމަށް ފަހު، ހަސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ކޯޓަށް ހާޒިރު ކުރުމުން ހަސަންގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވެއެވެ. އެހެންކަމުން ހަސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ވިސާމާއި އާމިރު ދޫނިދޫއަށް ބަދަލުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެހެންކަމުން އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެ.
މި މައްސަލައިގައި ރާއްޖެޓީޓީގެ ނޫސްވެރިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެފައި ވަނީ ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓް ކަމަށެވެ. ރާއްޖެޓީވީގެ އާމިރާއި ވިސާމްގެ މައްޗަށް މުއްދަތު އިތުރުކުރެވިގެންދިޔައީ އިތުރު ހެއްކެއް އޮވެގެން ނޫން ކަމަށް ވެސް ގާނޫނީ ވަކީލު ވިދާޅުވެފައިވެއެވެ.
ހަސަން އާއި ވިސާމް އަދި އާމިރު ހައްޔަރުކުރީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް އުފައްދައި ޔޫޓިއުބަށް އަޕްލޯޑްކުރިކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް، ކުށެއް ކުރަން އުޅުމާއި ޝަހްސު އޮޅުވާލުމާއި ކުށުގެ އަމަލެއް ދޭހަވާ ކަމަކަށް ހިތްވަރު ދިނުމުގެ އިތުރުން އެހެން ތުހުމަތުތައް ވެސް ކޮށްފައިވެއެވެ.
ވިސާމާއި އާމިރުގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ ދޮގު ތުހްމަތެއް ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ. އަދި އެ ފަދަ ތުހްމަތެއްކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރީ ސްޓޭޝަންގެ ތަސައްވުރު ހަޑިކޮށް، ސްޓޭޝަން ބަންދުކުރުމުގެ ނިޔަތް އޮތް ބައެއްގެ ރޭވުމުން ކަމަށް ވެސް ރާއްޖެ ޓީވީން ބުނެއެވެ.
ކޯޓުން ހަސަން ދޫކޮށްލި ނަމަވެސް އާމިރާއި ވިސާމް އަދިވެސް ތިބީ ޖަލު ބަންދުގައެވެ.