އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ދިދައެއް ލ. މާމެންދޫގައި ނެގި މައްސަލައިގައި އެރަށު ކައުންސިލްގެ ދެ މެމްބަރަކު މާމެންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
ހުކުުރު ދުވަހުގެ މެންދުރު ފަހު އެރަށު ބަނދަރުމަތީގައި ހުރި ފިތުރޯނު ގަހެއްގެ ކުރިއަށް ނެގި ދިދަ ނަގަން ފުލުހުން ވަނީ އިރު އޮއްސުނު ވަގުތު އަންގާފައެވެ. އެހެން ނަމަވެސް އެމަސައްކަތުގައި އުޅުނު ބައެއް ޒުވާނުން ބުނީ ދިދަ ނެގުމުގައި އިސްކޮށް އުޅުނު ޒުވާނުން މަހަށް ފުރާފައިވާ ކަމަށާއި، އެހެން ކަމުން ދިދަ ގަހު ކުރިއަށް އަރައި އެ ދިދަ ބޭލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ފުލުހުން އެ ދިދަ ބާލަން ދިން އެއްގަޑިއިރު ތެރޭގައި ދިދަ ނުބޭލުމުން، ފުލުހުން ވަނީ ގަހަށް އަރައި، އެ ދިދަ ބާލާފައެވެ. އަދި އެމައްސަލައިގައި ރަށު ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބް އަލީ އާއި ކައުންސިލް މެމްބަރު ޔޫސުފް އިރުފާން ފުލުސް އޮފީހަށް ގެންގޮސް ބަޔާނެއް ނަގާފައިވެއެވެ.
މާމެންދޫގައި ހުކުރު ދުވަހު ނެގި އެމްޑީޕީ ދިދައަކީ އެރަށު ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް "ނޫނެކޭ" ބުނުމުގެ ގޮތުން ނެގި ދިދައެއް ކަމަށް އެރަށުން މައުލޫމާތު ދިނެވެ. އެ ދިދަ ގަހު ކުރިއަށް ނެގިއިރު، ބިމުން ފެށިގެން 40 ފޫޓަށް ވުރެ މައްޗަށް ދިދަ އެރި ކަމަށް މައުލޫމާތު ލިބެއެވެ.
އެހެން ބައެއް ރަށްތަކުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައް ވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. އަދި ފުލުހުންނަށް ފަސޭހައިން ނުނެގޭ ދިދަތައް، ބިދޭސީން އަރުވައިގެން ވެސް ނަގާފައި އެބަހުއްޓެވެ. މާމެންދޫގައި ގަހެއްގެ ކޮޅަށް އެމްޑީޕީ ދިދަ ނެގިއިރު، އެހެން ބައެއް ރަށްރަށުގައި ވެސް ބިޔަ ގަސްތަކުގެ އެންމެ ކޮޅަށް އެމްޑީޕީގެ ދިދަ ނެގުމުން، ފުލުހުން އެދިދަތައް ނަގާފައިވެއެވެ. ހުއްޖަތެއްގެ ގޮތުގައި ފުލުހުން ބުނަނީ އެދިދަތައް ނަގާފައިވަނީ އެރަށްރަށުގައި ހުންނަ ޤައުމީ ދިދަތަކަށް ވުރެ އުހަށް ކަމަށް ވާތީ ކަމަށެވެ. އެކަމާ ބެހޭ ޤަވާޢިދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލި ޤަވާޢިދެކެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެޤަވާޢިދު ހެދީ ރާއްޖޭގެ ގިނަ ރަށްތަކުގައި އެމްޑީޕީގެ ދިދަތައް އުހަށް ނަގާފައިވާތީ، ސަރުކާރުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.