ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން މަރުޙަބާ ކިޔުމަށް އަވަށްޓެރި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވެސް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ވަނަ ދުވަހު ކުރި ޢަމުރު ތަންފީޒު ކުރުމަށް ގޮވާލައިފިއެވެ.
އިންޑިއާ އިން ބުނެފައި ވަނީ، މިއަދު ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ރާއްޖެއާ މެދު އޮތް ކަންބޮޑުވުންތަކަށް ރާއްޖެއިން ޙައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި އެކަން ކަމަށް ވީހާ ވެސް އަވަސް ޙައްލެއް ގެނައުމަށް ގޮވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހު ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ފަހު އިދިކޮޅު ސިޔާސީ ޙަރަކާތްތަކަށް ފުރުސަތުދީ، ޕާޓީތަކާ މަޝްވަރާ ކުރުމަށް ވެސް އިންޑިއާގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 1 ފެބުރުއަރީގައި ފަސް ފަނޑިޔާރުން ސޮއިކުރައްވައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހަދައި އެ އަމުރު ތަންފީޒުނުކޮށްވޭތޯ އުއްތަމަ ފަނޑިޔާރަށް ފޯނުން ގުޅުއްވައި އަދި އެވަރުން ނުވެގެން ސިޓީ ފޮނުއްވައިގެން ވެސް އެކަން ކާމިޔާބު ނުވުމުން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ހުކުމްކޮށްފައިވާ 9 ފަރާތެއް މިނިވަންކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ނެރުނު އަމުރު ތަންފީޒުނުކުރުމަށް ދެއްކި އެއްވެސް ބަހަނާއަކަށް ކޯޓުން ލުޔެއް ނުދިނުމުން ކުއްލި ހާލަތު އިއުލާނުކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ރަސްމީ މަސައްކަތުގައި ތިއްބަވަނިކޮށް ހައްޔަރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ސަލާމަތީ ޚިދުމަތްތަކުން ވަދެ އަނިޔާވެރިކަމާ އެކުއެވެ.
އޭގެ ފަހުން ބާކީ ތިން ފަނޑިޔާރުން ލައްވައި ކުރިން ނެރުނު ހުކުމުގެ ބައިތައް ވަނީ ބާތިލްކޮށްފައެވެ.
އިންޑިއާގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ކުއްލި ހާލަތު އުވާލި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށް ބުނެފައެވެ.