ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަށް ހުންނެވި މުހައްމަަދު އަމީތުއަށް އެއް މައްސަލައެއްގައި ފަސް ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
މިރޭ 8:30 އަށް އަމީތު ފުލުސް އޮފީހަށް ހާޒިރުކުރަނީ ޕްރެސް ކޮންފަރެންސެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް އަމީތު ވިދާޅުވިއެވެ. މިމައްސަލައިގައި އެންމެ ފުރަތަމަ އަމީތުއަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއް ނިންމަވާލެއްވުމަށް ފަހު ނިކުމެވަޑައިގެންނެވި ވަގުތު، ރާއްޖެ ޓީވީ ދޮރުމަތިންނެވެ. އަމީތު ވިދާޅުވީ އޭނާއާ ޗިޓު ހަވާލުކުރުމަށް އޭނާ ދިރިއުޅުއްވާ ގެކޮޅަށް ދިއުމުން ވެސް ޗިޓު ބަލައިގަންނާނެ ކަމަށާއި، އޭނާ ހޯދުމަށް ފުލުހުން ކޮންމެހެން މުޅި މާލޭގައި ފަސް ފަހަތުން ދުއްވަން ނުޖެހޭނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭވެސް ފުލުހުންގެ އިދާރާއަށް އަމީތު ހާޒިރުކުރެވުނެވެ. އެހެން ނަމަވެސް ބުދަ ދުވަހު މައްސަލަ ނުބަލައި މިރެއަށް ލަސްކުރީ، އަމީތު ހާޒިރުކުރެވުނު ގަޑީގައި ހަމަ އެނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގެ މައްސަލައިގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފުލުސް އޮފީހަށް ހާޒިރުކޮށް މައްސަލަ ބަލާތީ ކަމަށް ބުނެއެވެ. އެއް ފަހަރާއި ދެމައްސަލައިގެ ތަހުޤީޤުކުރިއަށް ގެންދިޔުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައި ނެތީތޯ އަމީތު ސުވާލު އުފެއްދެވިއެވެ.
"ފުލުހުންގެ މުއައްސަސާގައި އެއްވަގުތެއްގައި ދެ ތަހުޤީޤެއް ކުރިއަށް ނުގެންދެވޭ ކަމަށް ވަންޏާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ހަމަ ކަންބޮޑުވާން ޖެހޭ މައްސަލައެއް،" އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ކިތަންމެ ލަސްވިޔަސް މައްސަލައެއް ނެތް ކަމަށް ދެންނެވި ކަމަށާއި، ރޭ ތަހުޤީޤުކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ރޭވެސް މައްސަލަ ނުބަލައި ފޮނުވާލީ ކަމަށާއި، އެކަމުގެ ސަބަަބުން ވަރަށް ގިނަ ވަގުތު ގެއްލިގެންދާ ކަމަށް އަމީތު ފާހަގަކުރެއްވިއެވެ.
އަމީތު ވިދާޅުވީ އެބޭފުޅުން ގިނަގިނައިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ބައެއް މީހުން ވަރަށް އުފާވާނެ ކަމެއް ކަމަށެވެ. އަދި އެމަންޒަރު ފެނިވަޑައިގަތުމުން ރައީސް ޔާމީން ވަރަށް އުފާވެވަޑައިގަންނަވާ ކަމަށް އަމީތު ވިދާޅުވިއެވެ.
"ޔާމީން ވަރަށް އުފާވާނެ އަޅުގަނޑުމެން ގިނައިން ފުލުހުންގެ މުއައްސަސާއަށްދާތަން ޓީވީއިން ފެނުނީމަ. އަޅުގަނޑަށް ފެންނަނީ ޓީވީތަކުން ވެސް މިމަންޒަރުތައް ދެން ނުދައްކަން،" އަމީތު ވިދާޅުވިއެވެ.