ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ނަމަވެސް ސިޔާސީ ނުފޫޒާއެކު އުފެލޭ ދައުވާތައް ދަނީ ކުރިއަށް ކަމަށާއި އަދި އަސާސީ ހައްގުތަކުގެ ބޭނުންކުރުމުން ޖަލަށްލާފައިވާ ފަރާތްތައް ތިބީ އަދިވެސް ޖަލުގައި ކަމަށް އެމެރިކާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.
ކެޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ އަލުުން އިއާދަކުރުމަށްޓަކައި މިނިވަން ވަކި ފަތާތަކަށް ނުޖެހޭ ފަނޑިޔާރުގެއަކާއި ފުރިހަމަ ގޮތުގައި މަސައްކަތްކުރާ ގާނޫނު ހަދާ މަޖިލީހެއް ނުހަނު ބޭނުންވާ ކަމަށެވެ.
The #Maldives #StateOfEmergency is over, but politically motivated prosecutions continue, and many citizens remain in jail for exercising their fundamental rights. For #Democracy to return, independent and impartial justice and a fully functioning #Majlis are essential.
— Atul Keshap (@USAmbKeshap) March 22, 2018
ރައީސް އަބްދުﷲ ޔާމިން މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 44 ދުވަހާއި 16 ގަޑިއިރަށް ފަހު މިއަދު ނިމުމަކަށް ގެނެސްފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްްޔަރުކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރު މިނިވަންކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރުކުރި ދައުލަތުގެ ބައެއް ވެރިންނާއި އިއްޒަތްތެރިންގެ މައްޗަށް އެކިއެކި ދައުވާތައް އުފުލައި، އެފަރާތްތައް ޝަރީޢަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ.