ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޔުމްނާ މައުމޫންގެ ފިރިކަލުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ބުދަ ދުވަހުގެ ހަވީރު އެވެ. ބަންދާއި މެދު ކޯޓަށް ގޮތެއް ނިންމުނީ ދަންވަރު 1:30 ހާއިރު އެވެ.
ނަދީމް ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރައީސް މައުމޫނާއި ފާރިސް އާއި ނަދީމްގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފައެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. ފާރިސް ހައްޔަރުކުރީ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ.