ރާއްޖެ މިވަނީ ޕޮލިސް ސްޓޭޓަކަށް ވެފައިވާ ކަމަށާއި ގައުމުގެ ހުރިހާ ކަމެއްގައި ފުލުހުން އަތް ބާނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަ ދައްކަވަމުން، ނަޒީރު ވިދާޅުވީ، ހުރިހާ ކަމެއްގައި ފުލުހުން ނުފޫޒް ފޯރުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ފުލުހުން މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ހިތަށް އެރި ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށެވެ.
" ކޯޓް ރޫމް ތެރޭގައި ހިނގަންވާނީ ޝަރީއަތުގެ ބާރު. ފުލުހުންގެ ބާރެއް ނޫން ހިނގަންވާނީ. ފުލުހުން އެތަނަށް ގޮސް މީހުންނަށް ބިރު ދައްކައިގެން ނުވާނެ. ފުލުހުން އެތަނަށް ގޮސް ޝަރީއަތް ކުރިއަށްދާއިރު ދައުވާ ކުރެވޭ ފަރާތްތަކަށް ބިރު ދައްކައިގެން ނުވާނެ. މިހާރު ފެނިގެންދަނީ ނުވަތައް ކަންކަން ކުރެވެމުންދާ މަންޒަރު." އަލީ ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، ގާނޫނާ ހިލާފަށް ނުހަމައިން ކަންކަން ކުރާ ނަމަ ރައްޔިތުން ވެސް އަދި ގާނޫނީ ވަކީލުން ވެސް އެވާހަކަތައް ދައްކާނެ ކަމަށާއި ކަމާ ގުޅޭ މުއައްސަސާތަކަށް އުނދަގޫވާ މިންވަރަށް އެވާހާކަތައް ދައްކާނެ ކަމަށެވެ.
މިއަދު މިނިވަން މުއައްސަސާތަކުގެ މަސައްކަތް ނުފެންނަ ކަމަށާއި ހާއްސަކޮށް ގައުމު މިހާލަތަށް ދާއިރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތް އެއްވެސް ވަރަކަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގެ ހާލަތު ހަމަ މަގަށް އެޅެންދެން އެވާހަކަތައް ރައްޔިތުން ދައްކަމުންދާނެ ކަމަށާއި ދިވެހި ރައްޔިތުންނަށް ކިތަންމެ ވަރަކަށް އަނިޔާ ކުރި ކަމުގައިވީ ނަމަވެސް ރައްޔިތުން ކުރާނީ ސުލްހަވެރި އިހްތިޖާޖުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، މީހަކު ބަހެއް ބުންޏަސް، ކަމެއް ކުރިއަސް، ހުރެވޭ ގޮތުން ވެސް ނުވަތަ ނުހުރެވޭ ގޮތަކުން ވެސް އަދި ވަކި ތަނެއްގައި ވަކި ވަގުތެއްގައި ނެތުމުން ވެސް ޓެރަރިސްޓަކަށްވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
" ދުނިޔޭގެ ތަންތަނުގައި ޓެރަރިސްޓުންނަކީ ރައްޔިތުންގެ ތެރެއަށް ނުކުމެ، އާންމު ތަންތަނުގައި ދައުލަތާ އިދިކޮޅަށް، ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ މީހުން. އަނިޔާވެރިކޮށް، މީހުން މެރުމާއި އެފަދަ ކަންކަން ކުރާ ފަރާތްތައް. އެހެން ނަމަވެސް ރާއްޖޭގައި ޓެރަރިސްޓުންނަށް އެބަވޭ، ވަކި ވަގުތެއްގައި ވަކިތަނެއްގައި ހުރުމުން ވެސް." އަލީ ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، މިއީ ދުނިޔޭގެ އެއްވެސް ބަޔަކު ގަބޫލު ކުރާނެ ކަންކަން ނޫން ކަމަށާއި އަބަދަކު އިންޒާރުދީފައި އެފަދަ ފަރާތްތަކުން ނުތިބޭނެ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން ފިޔަވަޅުތަކެއް އަޅައިފި ނަމަ، އެކަމުގެ ގެއްލުން މުޅި ދިވެހި ގައުމަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.