ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ވަކީލުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮފީހުން ދީފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރުކޮށް، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް ހައްޔަރުކޮށް، އެބޭފުޅުންނާ މެދު ޕީޖީ އޮފީހުންނާއި އެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން އަމަލު ކުރާގޮތުން ސިޔާސީ ފަރާތްތަކުންނާއި ސޯސަލް މީޑިއާގައި ފާޑު ކިޔުންތައް އަމާޒުވަމުން ދިއުމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކޯޓްތަކުގައި ޕްރޮސެކިއުޓަރުން ދައްކާ ވާހަކަ ތަކަކީ އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ވަކި އުސޫލަކުން މައްސަލަތައް ހަވާލު ކުރުމުން އެ މައްސަލަ ތަކުގައި ޕީޖީ އޮފީހުންގެ ފަރާތުން ވަކާލާތު ކުރާ ވަކީލުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ޕީޖީ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތަކުގައި ލިބިފައި ހުރި ހެއްކާއި ގަރީނާތަކަށް ބިނާކޮށް، ކަމާ ގުޅޭ ގާނޫނާއި ގަވާއިދަށް ރިއާޔަތްކޮށް ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ..
ޕީޖީ އޮފީހުން އަންގާރަ ދުވަހުވެސް ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ސިޔާސީ ކުލަޖެހި ބައެއް ފަރާތްތަކުގެ ނަންތައް ހާމަކޮށް، ލިބިފައިވާ ހެކި ހަމަކޮށްފައިވާތީ، އެއީ ޕީޖީ ވަކި ފަރާތަކަށް ބުރަވެހުރެ ނެރެފައިވާ ބަޔާނެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފަ އެވެ.