ދައުވާކުރާ މަރުހަލާ ނުވަތަ ޕްރޮސިކިއުޝަން މަރުހަލާގައި މިހާރު ފުލުހުން އެދަނީ ބައިވެރިވަމުން ކަމަށާއި، އެއީ ޤާނޫން އަސާސީ އާއި ޚިލާފުކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި، އަންގާރަ ދުވަހުގެ ރޭ ޝަމީމް ވިދާޅުވީ ޝަރީޢަތްތަކަށް ވަދެވޭނީ ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީ ވެފައިވާ ވަކީލުންނަށް ކަމަށާއި، މުއްދަތު މަޖިލީހަށް ވަދެވޭނީ އޭގެ އިތުރަށް ފުލުހުންގެ ކަސްޓޯޑިއަލްގައި ރަޖިސްޓްރީ ކުރެވިފައިވާ ވަކީލުންނަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ކަން ހިނގަމުން އަންނަ އުޞޫލަކީ މުއްދަތު ޖެހުމަށް ކަމަށް ބުނެ، ވަކީލުންނަށް ގަޑި ކިޔައިގެން ކޯޓަށް ގެނެސް، އެވަކީލުން ކޯޓަށް ހާޒިރުވުމުން މުވައްކިލުގެ މުއްދަތު މަޖިލީހުގެ ބަދަލުގައި ޝަރީޢަތް ހިންގުން ކަމަށެވެ. އަދި ޝަރީޢަތަށް ވަކީލުން ވައްދަނީ ފުލުހުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވަނީ މިއީ މީގެ ކުރިން ހިނގައިވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އަނެއް ކަމަކަށް އަޅުގަނޑުމެންނަށް މިފާހަގަވަނީ ޝަރީޢަތުގެ މަޖިލިސް ހިނގާއިރު ފުލުހުން އެބަތިއްބަވާ ޝަރީޢަތުގެ މަޖިލީހުގައި. މިއީ ދުވަހަކުވެސް ކުރިކަމެއް ނޫން. އަޅުގަނޑު މިދާއިރާގައި މަސައްކަތްކުރާތާ މިހާރު ސާދަ ފަނަރަ އަހަރުވީ. ދުވަހަކު ވެސް ފުލުހުންނެއް ޝަރީޢަތުގެ މަރުޙަލާގައެއް ނުތިބޭނެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން ތިއްބަވާނީ"، ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ފުލުހުން ޕްރޮސިކިއުޝަންގެ މަރުޙަލާގައި ބައިވެރިވުމަކީ ޤާނޫން އަސާސީއާއި ޚިލާފު އުޞޫލެއް ކަމަށެވެ.
"ޤާނޫން އަސާސީ އިން ބަަލައިގެންފައި އޮތް އުޞޫލަކީ ޕްރޮސިކިއުޓަރުންނަކީ މުޅިން މުސްތަޤިއްލު ބައެއް ކަމަށް. އެއީ ސަރުކާރާއި ވަކިން އުފެދިފައި އޮންނަ މިނިވަން މުއައްސަސާއެއް. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ޕްރޮސިކިއުޓަރުންގެ މުސްތަޤިއްލުކަން ގެއްލޭ ހިސާބަށް ފުލުހުން އެތާ ތިއްބަވައިގެން (ކުރިއަށްގެންދަވާ ތަން). ބައެއް ފަހަރު ހީވާކަހަލަ ފުލުހުން މިތިއްބަވަނީ ޕްރޮސިކިއުޓަރުންގެ މަަސައްކަތް މުރާގަބާ ކުރައްވަން ކަމަށްވެސް."
މިހުރިހާ ކަމެއްގެ އިތުރުން މުއްދަތުގެ މަޖިލީހަށް ކަމަށް ބުނެ ވަކީލުން ކޯޓަށް ހާޒިރުކޮށް، ޝަރީޢަތް ކުރިއަށްގެންދާ މައްސަލައިގައި ޝަމީމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޝަމީމް ފާހަގަކުރެއްވި ގޮތުގައި މުއްދަތުގެ މަޖިލީހަށް ވަކީލުން ހާޒިރުވާނީ ބަންދުގެ މުއްދަތުގެ މައްސަލައަށް ތައްޔާރުވެގެން ކަމަށާއި، ވަކީލުންނަށް ދޮގު މައުލޫމާތު ދީގެން ކޯޓަށް ހާޒިރުކުރުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެހެން ހެދުމުން ވަކީލުންނަށް އަސްލު މައްސަލައަށް ތައްޔާރުވާން ފުރުސަތު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ސަސްޕެންޑްކޮށްފައިވާ މާއްދާތަކެއްގެ ދަށުން، ކުއްލި ނުރައްކަލުގެ ޙާލަތު ހިނގާ ބަޔަކު ކޯޓަށް ހާޒިރުކުރުމުގެ އިހްތިސާސް ފުލުހުންނަށް ލިބިގެން ނުވާތީ، ކޯޓަށް މުއްދަތު ޖަހަން ގެންނަ ކުއްލި ނުރައްކަލުގެ ޙާލަތުގެ ހައްޔަރީން ކޯޓަށް ހާޒިރުކުރަނީ ޤާނޫނުން ބޭރުން ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ،