ފުލުހުންގެ ތަހުގީގީ ޖަލު، ދޫނިދޫގައި ބަންދުކޮށްފައިވާ މީހުންނަށް ފަރުވާ ދޭ އިންޑިއާ ޑޮކްޓަރުގެ އަމަލުތަކާ ގުޅިގެން އޭނާގެ މައްސަލަ ރާއްޖޭގައި ހުންނަ ޑިންޑިއާ އެމްބަސީއަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވާ ގައިދީންނަށް ފަރުވާ ދިނުމުގައި، އެތަނުގައި ހުންނަ އިންޑިއާ ޑޮކްޓަރު އިހްމާލުވެފައިވާ ކަމަށާއި ބަންދުގެ ކޮށްފައިވާ މީހުންނާ މެދު އެ ޑޮކްޓަރު މުއާމަލާތް ކުރަނީ ބަލި މީހުންނާ މެދު އަމަލު ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭނާގެ މައްސަލަ އިންޑިއާ އެމްބަސީއަށާއި އެޗްއާރްސީއެމަށް ވެސް ހުށަހަޅާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ތަހުގީގަށް ދޫނިދޫގައި ބަންދުކޮށްފައިވާ މީހުންނާ މެދު ޑޮކްޓަރު އިހްމާލުވެފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ފަރުވާއަށް ބޭނުންވާ މީހުން ދަންވަރުގެ ވަގުތުތަކުގައި ދޫނިދޫ ކްލިނިކަށް ގެންދިއުމުން، ރުޅި އިސްކޮށް، ބަލި މީހުންނާ މެދު އޭނާ ވާހަކަ ދައްކާފައިވާ ކަމަށާއި ބައެއް މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށް އެ ޑޮކްޓަރު ގަސްތުގައި ދެކޮޅު ހަދާފައިވާ ކަަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވެއެވެ.
އެގޮތުން ގުޅިތަކުން ތަގައްޔަރުވެފައިވާ ފެން ބޯން ޖެހުމުން، ބައެއް ގައިދީންނަށް ޑައިރިއާ ޖެހިފައިވުމުން، ސާފު ފެން ފޯރުކޮށްދިނުމަށް ޑޮކްޓަރު ލަފާ ދީފައި ނުވާ ކަމަށާއި ބޭސް ފޯރުކޮށްދިނުމުގައި ވެސް އެ ޑޮކްޓަރު ފަރުވާ ކުޑަކޮށްފައިވާ ކަމަށް ވެއެވެ. އިންޑިއާގެ އެ ޑޮކްޓަރުގެ މައްސަލަ އިންޑިއާ އެމްބަސީއަށް ހުށަހަޅާފައި ވަނީ އެ ޑޮކްޓަރުގެ މައްސަލަ އެޗްއާރްސީއެމަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ހުށަހެޅުމުން ވެސް ފިޔަވަޅު އަޅާފައި ނުވުމުންނެވެ.