ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ދެއްކެވި ކަމަށް ބުނާ ވާހަކައަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ ގާނޫނީ ވަކީލަކާއެކު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
އަންގާރަ ދުވަހު 13:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އިންތިއަށް އެެންގުމުން، ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ފުލުހުން ހިންގާ އެ ތަހުގީގަށް ޖަވާބުދާރީ ވުމަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން އެފުރުސަތު ދެއްވާފައިވާ ކަމަށެވެ.
އިންތި ވިދާޅުވީ ގާނޫނީ ވަކީލަކާއެކު ބުދަ ދުވަހުގެ ރޭ 20:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ގިނަ ގާނޫނީ ވަކީލުންތަކެއް ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ރައްޔިތުން އިހުތިޖާޖު ކުރަމުންދާއިރު ގިނަ އަދަދެއްގެ ރައްޔިތުން ވެސް ހައްޔަރުކޮށް އެކިއެކި ތުހުމަތުތައްކޮށް ތަހުގީގުތައް ވެސް ހިންގަމުންދާ ކަމަށެވެ.
އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ގާނޫނީ ވަކީލެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
މީގެއިތުރުން އިންތި ވިދާޅުވީ މިހާ ގިނައިން ގާނޫނީ ވަކީލުން ސަސްޕެންޑް ކުރާ ގައުމެއް މުޅި ދުނިޔޭގައި ނެތް ކަމަށާއި މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ. އަދި ގާނޫނީ އިލްމީ އަދި ފަންނީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އަޑުއެހުމުގެ ގާބިލްކަން ވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނަށް ތިއްބެވި ބޭފުޅުންގެ ނެތް ކަމަށް އިންތި ވިދާޅުވި އެވެ.