އެސްއޯއީ އާއި އަދި މުޒާހަރާތަކުން ހައްޔަރު ކޮށްގެން ގެންދާ މީހުން ބައިތިއްބާ ދޫނިދޫ ކަސްޓޯޑިއަލްގައި ހުރި މައްސަލަ ތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރާއި ބައްދަލުކުރުމަށް އެދި ދިއުމުން ބައްދަލެއް ނުވިކަމަށް ބައްދަލުކުރަން ދިޔަ ބޭފުޅުން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުހައްމަދު އަޒްލީން އާއި ބައްދަލު ކުރެއްވުމަށް ހޯމް މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، މާލޭސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ އިތުރުން އެސްއޯއީގެ ދަށުން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެއް ބޭއްތިއްބުމަށް ފަހު ދޫކޮށްލި ބައެއް ފަރާތްތައް ހިމެނެއެވެ.
މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ފުލުހުންގެ ހައްޔަރުގައި ނުވަތަ ދޫނިދޫ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި މެދު ފުލުހުން އަމަލުކުރަމުން ދަނީ ވަރަށް އަނިޔާވެރި ލާއިންސާނީ ގޮތްތަކަށްކަން ހައްޔަރު ކުރި މީހުންގެ ވަކީލުންގެ ފަރާތުންނާއި ހައްޔަރުކޮށް ދޫކޮށްލި މީހުންނާއި އެކު ބޭއްވި ބައްދަލުވުންތަކުން އެނގިގެން ދިޔަ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ގޮޅިތަކަކީ އިންސާނުން ބައިތިއްބަން ހެޔޮވާވަރުގެ ތަންތަނެއް ނޫން އެއީ، އަދި ބޯން ބޭނުން ކުރާ ފެނާއި އަދި ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ނުދީ ލާއިންސާނީ އަނިޔާ ދަނީ ދެމުން" ޝިފާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މިނިސްޓަރާއި ބައްދަލުވާން ދިޔައިރު މިނިސްޓަރު އޮފީހުގައި ވަޑައިގެން ނެތް ކަމަށެވެ. އަދި މިނިސްޓަރާއި ބައްދަލުވުމަށް އެޕޮއިންޓްމެންޓެއް ދޭނެ ކަމަށް މިނިސްޓަރުގެ ބިއުރޯއިން ބުނި ކަމަަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރާއި ބައްދަލު ވަންދެއް މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.