އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ދުރުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލުގެ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ޖިނާއީ ކުށެއް ސާބިތު ވެއްޖެ ނަމަ ފަނޑިޔާރުންގެ ގޮނޑި ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
ފަނޑިޔާރުންގެ ގާނޫނުގައި، ޤާނޫނު އަސާސީގެ 154 ވަނަ މާއްދާ ނުހިނގާނޭ ކަމަށް ބުނެފައިވާއިރު، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ގާނޫނެއް ކަމަށާއި އެހެންވެ، 43 މެމްބަރުން ހާޒިރުވެ ނެތި އެ ބިލް ފާސްކޮށްފައި އޮތުމަކީ ވެސް ގާނޫނު ބާތިލްވާނެ ކަމެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެ އެވެ. މި ނުކުތާ އަށް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމު ގާނޫނެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ ޒާތީ ގޮތުން ތިމާ އަމިއްލަ އަށް ޒިންމާ އުފުލަން ނުޖެހުނަސް، އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރަން ނުޖެހޭނެ ގާނޫނެއްގެ ގޮތުގައި މާނަ ނުކުރެވޭނެ ކަމަށެވެ.
މި މައްސަލައިގެ ހުކުމް އިއްވާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.