ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް އަދި ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުހައްމަދު ވިސާމް ވަގުތުން މިނިވަންކުރުމަށް އަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖެ ޓީވީގެ ދެ މުވައްޒަފުން ބަންދުކޮށްފައިވަނީ ނުހައްގުން ކަމަށާއި އެ ޖަރީމާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ގާނޫނު އަސާސީގެ ރޫހާއި ޚިލާފަށް މިނިވަން މީޑިއާ ހުއްޓުވުމަށް ކޮށްފައިވާ ކަމެއް ކަމަށާއި މިނިވަންކަމާއެކު މަސައްކަތްކުރާ ވަކިވަކި ނޫސްވެރިންނާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލައި، އާމިރު އަދި ވިސާމް ވަގުތުން މިނިވަން ކުރުމަށްވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.
ހަމައެހެންމެ ސަރުކާރުން ދަނީ ސަރުކާރުގެ ނުފޫޒުގެ ދަށަށް މީޑިއާތައް ގަދަކަމުން ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި މީޑިއާތަކާއި ދެކޮޅަށް ހަރުކަށި ބާރު ބޭނުންކުރުމަކީ މި ސަރުކާރު ފެށުނީއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން ނާގަބިލު އެކްޓިވިސްޓުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަގާމުތައް ދީފައިވާ ކަމަށާއި، އެ ކޮމިޝަނުން މީޑިއާތަކާއި ދެކޮޅަށް އަޅަމުންދާ އަސްލެއްނެތް ފިޔަވަޅުތައް އެ ޕާޓީއިން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެކިއެކި މުނާސަބަތުތަކުގައި ރާއްޖެ ޓީވީ އަދި ވީޓީވީ ހުއްޓުވުމަށް ގޮވާލާ ދެމުންދާ އިންޒާރުތައްވެސް އަދާލަތު ޕާޓީއިން ވަނީ ކުށްވެރިކޮށްފައެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްވެރިންނާއި ސިޔާސީ ފަރާތްތައް ނުހައްގުން ހައްޔަރުގައި ބައިތިއްބައިގެން އިންސާނީ ހައްގުތަކާއި ޚިލާފަށް އެ ފަރާތްތަކާއި ދެކޮޅަށް ކުރަމުންގެންދާ އަނިޔާތަކަކީ ސަރުކާރު ހައްދުފަހަނައަޅާފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މިފަދަ ލާއިންސާނީ ޖަރީމާތަކުގެ ކުރިމަތީގައި ދިވެހި މީޑިއާވެސް އަދި ދިވެހި ރައްޔިތުންވެސް ކުޑަކަކޫ ނުޖަހާނެކަން އެ ޕާޓީއަށް ކަށަވަރުވާ ކަމަށް މި ބަޔާނުގައިވެއެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ވިސާމް އަދި އާމިރު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.