ޖެނެރަލް މެނޭޖަރުންނަށް ހާއްސަ "ޖީއެމް ފޯރަމް 2018" ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.
އެލައިޑް އިންޝުއަރެންސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ. އަދި ހޮޓެލިއަރ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ހޮޓެލިއަރ މޯލްޑިވްސްގެ ހެޑް އޮފް އޮޕަރޭޝަންސް އައިމިނަތު އަލީއެވެ.
ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު އިސްވެރިންނާއި އެކު ކުރިއަށްގެންދާ ފޯރަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ހޯދޭނެ ހައްލާއި މެދު މަޝްވަރާކޮށް ދާއިރާ އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާއި މެދު ހިޔާލު ހޯދުމަކީ މި ފޯރަމުގެ މައިގަނޑު މަޤުސަދުކަން ހޮޓެލިއަރ މޯލްޑިވްސްއިން ފާހަގަކުރެއެވެ.
މި ފޯރަމްގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ރޮނގު ރޮނގުން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އިލްމީ ތަޖުރިބާކާރުންގެ ކީ ނޯޓް ސްޕީޗް އާއި އިންޓަރެކްޓިވް ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ.
މި ޕްރެސް ކޮންޕްރެންސްގައި ވާހަކަދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، ޖީއެމް ފޯރަމް 2018 ގެ ޕްލެޓިނަލް ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ހޮޓެލިއަރ މޯލްޑިވްސްއިން މިފަދަ ތިން ވަނަ ފޯރަމް ބޭއްވުމުގެ މަސައްކަތް ފެށީތީ އުފާ ކުރައްވާ ކަމަށެވެ.
"މި ފޯރަމް ކުރިއަށްދާނީ އޭޕްރީލް 18 ގައި. ރާއްޖޭގެ އިޤުތިސާދަށް އެންމެ މަންފާ ކުރާ އެއް ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖެނެރަލް މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވޭ ހަމައެކަނި ފޯރަމުގައި އެލައިޑް ހިއްސާވުމަކީ ކުންފުނިން އެކަމާ ފަޚުރުވެރިވެ އުފާކުރާ ކަމެއް" ފިރުޝާން ވިދާޅުވިއެވެ.
ހޮޓެލިއަރ މޯލްޑިވްސް އިން ބާއްވާ މި ފޯރަމްގައި މިފަހަރު 50 އަށް ވުރެ ގިނަ ޖެނެރަލް މެނޭޖަރުން ބައިވެރިވާނެއެވެ.