ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެއްވެސް މައްސަލައެއްގައި ވަކާލަތު ނުކުރެވޭ ގޮތަށް ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު އެ ކޯޓުން ސަސްޕެންޑް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ސަސްޕެންޑް ކޮށްފައިވަނީ ބޭއްވުނު ޝަރީއަތުގެ އަޑުއެހުމާގުޅޭ ގޮތުން މީޑިއާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އެ މައްސަލައާމެދު އާންމުންގެ މެދުގައި ނުރަގަނޅު ތަސައްވުރެއް އުފެދިދާނެކަމަށް ބެލެވޭތީއާއި އާންމު މީޑިއާ މެދުވެރިކޮށް މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
އެ ކޯޓުން ބުނީ އެ ކޯޓާއި ކޯޓުގެ ގާޒީންނާމެދު އާންމުންގެ ހިތްތަކުގައި ނަފުރަތު އުފެދޭގޮތަށް، ކޯޓުގެ ހުރުމަތް ކެނޑޭނޭހެން ހަގީގަތާ ޚިލާފު މަޢުލޫމާތު މީޑިއާއަށް ދީފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އަންގައި ސުއޫދަށް ފޮނުވި ކޯޓަށް ހާޒިރުވުމުގެ އަމުރާއި ހަވާލުވުމަށްފަހު، ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
މައްސަލައިގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތު ދޫކޮށްލާފައިވާތީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެ އާންމުކޮށްފައިވާ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވައިދުގެ ދަށުން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ހުސްނުއްސުއޫދު އަންގާރަ ދުވަހުން ފެށިގެން އެ ކޯޓުގެ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓުން ސަސްޕެންޑްކޮށްފައިވާ އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލު ހިސާން ހުސައިންވެސް ވަނީ ހޯމަ ދުވަހު އެކޯޓުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.