އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުން އަދި ކޮއްކޯފުޅު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހުންނަވަނިކޮށް އައި އުފަން ދުވަހާއި ގުޅިގެން މި ދުވަސް އުފާވެރި ނޫންކަމަށް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
އެކަމަނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކީ އެންމެނަށް ޖުމްލަކޮށް ޝުކުރު ދަންނަވަމުން ޔުމްނާ ވިދާޅުވީ ޖަލުގައި ތިއްބެވި އެކަމަނާގެ އާއިލާގެ ބޭފުޅުންގެ މަތީން ވަރަށް ބޮޑަށް ހަނދުމަވާކަމަށެވެ. އަދި އާއިލާއާ ދުރުގައި، މި ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގެންފައި ވުމަކީ ހިތްދަތި އިހްސާސެއް ކަމަށް ޔުމްނާ ގެންދަވަނީ ވިދާޅުވަމުންނެވެ.
Thank you all for your good wishes but how can it be a Happy Birthday? I miss my family pic.twitter.com/rVBID3455B
— Yumna Maumoon (@yumna_maumoon) March 19, 2018
ޔުމްނާގެ މި އިހްސާސްތަކަށް، ހެޔޮ ދުއާ ފޮނުވި މީހުން ދެކޭ ގޮތުގައި، ޔުމްނާ މައުމޫނަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ. ފާރިސް ވިދާޅުވި ގޮތަށް ހަމަ "ސުޕަހީރޯއެއް" ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
އާއިލާ އަށް ދިމާވެފައިވާ ހިތްދަތި މި ދަނޑިވަޅުގައި މަންމާފުޅު، ނަސްރީނާ އިބްރާހީމް އެކަނި ކުރައްވަން ޔުމްނާ ބޭނުންފުޅު ނުވާ ކަމަށް އޭނާއާ ގާތް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އިދިކޮޅު ހަރަކާތްތަކުން މިހާރު އެކަމަނާ ނުފެންނަނީ އެހެންވެ ކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.
ޔުމްނާ އާއި ދައްތާފުޅު، ދުންޔާ މައުމޫނަކީ އެއްމާބަނޑު ދެބެންނެވެ. މިއަދަކީ ދުންޔާގެ ވެސް އުފަންދުވަހެވެ. ދެ ބޭފުޅުންވެސް ގެންދަވަނީ ޖަލުގައި ތިއްބެވި އާއިލާގެ ތިން ބޭފުޅުން ޖަލުން މިނިވަން ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވަމުންނެވެ.