ހުޅުމާލޭގައި އާދީއްތަ ދުވަހުގެރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޏ.ފުވައްމުލަކު ރަންބަގީޗާގޭ ހަސަން މުޙައްމަދު ދީދީ (32 އ)، މަރުވީ، އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ހޯމަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ހުޅުމާލޭގެ މަގެއްގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާގެ ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓްގައި މަރުވި ޒުވާނާ އަކީ އާއްމުކޮށް ފިޓުޖެހޭ މީހެއް ކަމަށާއި، އޭނާ އެކްސިޑެންޓްވާން ދިމާވީވެސް ފިޓު ޖެހުމުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.