ބާތިލަކުން އުފަންވާނީ ބާތިލް ކަމަށާއި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާ ޝަރީއަތަކީ ބާތިލް ޝަރީއަތެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
ސަވާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހިތުހުރި ގޮތަށް" ޝަރީއަތް ކުރަން ފަނޑިޔާރުންނަށް ގާނޫނުއަސާސީންނާއި ގާނޫނަކުން ވެސް އެއްވެސް އިޒުނައެއް ނުދޭ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވިދާޅުވި ފަނޑިޔާރުގެ އެ ބަސްފުޅަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވަން އިއްވި ބަސްފުޅެއް ކަމަށާއި އެވަރު ބޮޑު ކުށެއްގެ މަތީ އިނދެ ކޮށް ޝަރީއަތެއްތޯ ހިންގެވޭނީއޭ ވިދާޅުވެ ސަވާދު ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ބާތިލަކުން އުފަންވާނީ ބާތިލް ކަމަށާއި ބާތިލަށް ތަބައެއް ނުވެވޭނެ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.
‘Hithuhuri gothah’ shar’iyyaikuran fandiyarunnah QA & qanunehves evves iznaeh nudhey! Thiya fandiyaaruge thiya basfulhaki QAge baaru kanduvan ivvi baheh! Evaru bodu kushegge mathee indhe kon shar’iyyatheh tho hingeveyni! Baathilakun ufanvaani baathil. Baathilah thaba’eh nuveveyne https://t.co/ReGMJ9RrmR
— ahmad ali sawad (@DrSawad) March 19, 2018
މީގެއިތުރުން ސަވާދު ވިދާޅުވީ އާބިޓްރަރީކޮށް ކުރިއަށް ގެންދާ ޝަރީއަތަކުން ދައުވާ ލިބޭ އެއްވެސް ފަރާތަކަށް އިންސާފު ނުލިބޭނެ ކަމަށާއި އެފަދައިން އަމަލު ކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ހިލާފު ކަމެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވާތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާނީ ލިޔެވިފައިވާ އިޖުރާއަތެއްގެ ދަށުން ނޫން ކަމަށާއި ފަނޑިޔާރު ނިންމަވާ ގޮތެއްގެ މަތިން ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވުމާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑަރަ ނައިބު ހުސްނުއްސުއޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ، ދައުލަތުގެ އެކި އިދާރާތަކުން ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ 'ޖެމްސް' ސިސްޓަމްގެ ޚިދުމަތް ކަނޑާލުމަށް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެންގެވި ކަމަށް ބުނެއެވެ.
މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރާއި ތަންފީޒީ އިދާރާތަކުން ދެކޮޅު ހަދާފައިވާއިރު، ފަހެއް ފެބްރުއަރީގައި ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވުމަށް ފަހު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރައްވާފަ އެވެ.
އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގާ، ޝަރީއަތް ހިންގުމަށްޓައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ އާދިއްތަ ދުވަހު ބާއްވާފަ އެވެ.