އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދެއް ރާއްޖެ އައިސް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާއި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައިޕީޔޫގެ ހިއުމަންރައިޓްސް ވަފުދުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނިހާނުގެ އިތުރުން ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނެވެ.
Just concluded a comprehensive briefing session with the visiting IPU HR delegation to Maldives, at People’s Majlis. @Shiyamaldives @abkhaleel @Jameel_Usman pic.twitter.com/mi5lKCeoaD
— Ahmed Nihan (@ahmed_nihan) March 19, 2018
ޕީޕީއެމްއާއެކު އައިޕީޔޫގެ ވަފުދުގެ ބޭފުޅުން ބައްދަލު ކުރެއްވުމަށްފަހު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާވެސް އައިޕީޔޫ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާފައެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައިޕީޔޫ ވަފުދާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބައްދަލު ކުރައްވާފައި ވަނީ ރޮޒައިނާގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީގެ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އައިޕީޔޫ ވަފުދުގެ ބޭފުޅުންގެ އަރިހުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ދޮގު ހައްދަވާފައިވާ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ޖަލުން ދޫކޮށްލާފައިވާކަމަށް އައިޕީޔޫގެ ވަފުދުގެ ބޭފުޅުންގެ އަރިހުގައި ނިހާނު ވިދާޅުވެފައިވާ ކަމަށެވެ.
ޕާޓީތަކުން އައިޕީޔޫގެ ވަފުދާއެކު ބޭއްވި ބައްދަލުވުންތައް ބާއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
Just met the IPU delegation. PPM PG leader blatantly lied to the @IPUparliament delegation and told them that Joint Opposition Leader @ibusolih has been released from jail! What liars! #MaldivesCrisis pic.twitter.com/YmR4rr4A9k
— MP Rozaina Adam (@Roxeyna) March 19, 2018
އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު އެއްވުމުގެ ތެރެއިންނެވެ. މިވަގުތުވެސް އިބޫ ހުންނެެވީ ދޫނިދޫ ޖަލުގައެވެ. އިބޫ ބަންދުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެކިއެކި އެއްވުންތަކުގައި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރުކޮށް ޖަލަށްލާފައި ވެއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގައި އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް މަޖިލީހުގެ ރައީސްގެ މަގާމުގައި ގަދަކަމުން އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިފަހުން މަޖިލީހުގެ ޖަލްސާތައް މަސީހު ކުރިއަށްގެންދަވަނީ ގަދަބާރުން މިލިޓަރީ ބޭނުންކޮށް، މަޖިލިސް ހިސޯރު ކޮށްގެންނެވެ.