ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި "ހުއްޓުވާ" މުޒާހަރާއިން ހައްޔަރު މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 5 މީހުންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މުޒާހަރާއިން ޖުމްލަ 141 މީހަކު ހައްޔަރު ކުރިކަމަށެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް ބަންދުގައި ތިބީ އޭގެ ތެރެއިން 139 މީހުންނެވެ. އަދި އާދިއްތަ ދުވަހާއި ހަމައަށް ގިނަ ބަަޔަކު ދޫކޮށްލައި މިހާރު ތިބީ ޖުމްލަ ފަސް މީހުންކަމަށެވެ. މީގެ އިތުރުން 17 ވަނަ ދުވަހުގެރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 15 މީހަކު މިވަގުތުވެސް ފުލުހުންގެ ބަންދުގައި ތިބިކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެނަކާއި 14 ފިރިހެނުންނެވެ.
ސަރުކާރުގެ މައްޗަށް ތުހްމަތުކުރާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާ ރޫޅާލީ، ކަރުނަ ގޭހާއި ސްޓަން ގްރަނޭޑް ބޭނުންކޮށްގެންނެވެ.
ހުކުރު ދުވަހުގެރޭގެ މުޒާހަރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފައި ވެއެވެ.