ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ދޫކޮށްލައިފިއެވެ.
ފަޒީން ހައްޔަރު ކުރީ އޮފީހުން ގެއަށްދިޔަ މަގުމަތީގައި ހުކުރު ދުވަހުގެ ރޭ 9:20 އެހާކަށްހާއިރު އެވެ. ފަޒީން ހައްޔަރު ކުރީ ފަޒީންގެ ގެއާކައިރިން މަޖީދީމަގުގައި ޓްރެފިކްގައި ޖެހިފައި ވަނިކޮށް ޓްރެފިކް ޕޮލިހުންނެވެ.
ނަމަވެސް ފަޒީން ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނެފައިވަނީ ފަޒީން ހައްޔަރު ކުރެވުނީ އެސްއޯއީގެ ދަށުން ކަމަށެވެ.
ފަޒީން ދޫކޮށްލުމުން ރާއްޖެ އެމްވީއަށް ބުނީ ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރި ކަމަށާއި ނަމަވެސް އެ ލިޔުމުގައި ފަޒީން ސޮއި ކޮށްފައި ނުވާނެ ކަމަށެވެ. އަދި ހައްޔަރު ކުރި ފަހުން 24 ގަޑިއިރު ވެސް ވެފައިވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ފަޒީން ދޫކޮށްލީ އެއްވެސް ޗިޓެއް ވެސް ހަވާލު ކުރުމެއް ނެތި ބަންދުން ދޫކޮށްލިކަމުގެ ލިޔުމަކާއެކުގައި ކަމަށް ފަޒީން ބުންޏެވެ.