ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް އަދި ސީނިއާ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ކަމަށެވެ. މުއްދަތު އިތުރުކުރެވިގެންދިޔައީ އިތުރު ހެއްކެއް އޮވެގެން ނޫން ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
ފުލުހުން އެދުނީ ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހައިދިނުމަށެވެ. އެހެން ނަމަވެސް ކޯޓުން ޖަހައިދިނީ 10 ދުވަހެވެ.
ނިޝާން ވިދާޅުވީ ވިސާމް އަދި އާމިރުގެ މައްޗަށް ވެސް ތުހުމަތުކޮށްފައިވަނީ ކުށެއް ކުރަން އުޅުމާއި ޝަހްސު އޮޅުވާލުމާއި ކުށުގެ އަމަލެއް ދޭހަވާ ކަމަކަށް ހިތްވަރު ދިނުމާއި އަދިވެސް އެހިނިހެން ތުހުމަތުތަކެއް ކަމަށެވެ. ނިޝާން ވިދާޅުވީ މުއްދަތު އިސްތިއުނާފު ކުރާނީ އިތުރު ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ.
ނޫސްވެރިޔާ ވިސާމް ހައްޔަރު ކޮށްފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ސާފު ނުވާއިރު ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ހައްޔަރުކޮށްފައިވަނީ ރާއްޖެޓީވީގެ އިމާރާތް ކުރިމަތިންނެވެ.
ރާއްޖެ ޓީވީގެ ދެނޫސްވެރިންގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށްވާ ހަސަން އިސްމާއިލްވެސް ހަމަ މިމައްސަލައިގައި ވަނީ ހައްޔަރުކޮށް، 10 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ.