މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓަށް 42.7 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެ ހުކުމް ކުރީ އެމްޕީއެލްގެ ޓަގު ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ސާބިތުވާތީ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ 30 ދުވަހުގެ ތެރޭގައި 42.7 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދައްކައި، އެ ދަރަނި ހަލާސް ކުރުމަށެވެ.
އެ މައްސަލައިގެ ހުލާސާ ބަޔާނުގައި ބުނެފައި ވަނީ އެމްޕީއެލްގެ ޓަގަށް ޒިންމާއެއް ނެތި ތިލަފުށީ އަތިރިމަތީގައި ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ، އޭގެ ސުޕަރ ސްޓްރަކްޗާ އެންޑް ހަލްގެ ކޮލިޓީ ގެއްލި ދަބަރު ޖަހާ ވީރާނާވެދާނެ ކަމުގައި އެމްޕީއެލަށް ގަބޫލު ކުރެވިގެން، އެ މުދާ ބެލެހެއްޓުމަށް ސެންޓަރ އެންޓަޕްރައިސަަސްއަށް އަގު ދައްކަމުންދާ ގޮތަށް އެމްޕީއެލުން ހަވާލުވެ، އެއްބަސްވެފައިވާ ކަމަށެވެ.
ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެ ޓަގާ ހަވާލުވީ 2013 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ. ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެމްޕީއެލަށް ފޮނުވި އިންވޮއިސްތަކާ އެމްޕީއެލުން ހަވާލުވެ، އޭސީސީން އަންގައިގެން ކަމަށް ބުނެ، އިންވޮއިސްތަކަށް ފައިސާ ނުދީ އެމްޕީއެލުން ހިފެހެއްޓި ކަމަށާއި އޭގެ ސަބަބުން އިންވޮއިސް ޕްރިންސިޕަލް އަދަދާއި ޖީއެސްޓީ އާއި ޖޫރިމަނާއާ އެކު އެ ކުންފުންޏަށް ޖުމްލަ 42.7 މިލިއަން ރުފިޔާ އެމްޕީއެލުން ނަގައިދިނުމަށް ސެންޓަރ އެންޓަޕްރައިސަސް އިން ސިވިލް ކޯޓުގައި އެދިފައިވެއެވެ.