ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ތައްޔާރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ ފެށޭ ހަފްތާގެ ތެރޭގައެވެ. ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ ކީއްވެގެން ކަމެއް އެނގިފައެއް ނުވެއެވެ.
ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމުން ހުށަހަޅަން ތައްޔާރުވެފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރި ގޮތާ ގުޅޭ ގޮތުން ބިޝާމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ނުފޮނުވައި، އެ މައްސަލަ އަނބުރާ ފުލުހަށް ވަނީ ފޮނުވާފައެވެ.
ބިޝާމް މަގާމުން ވަކިކުރަން ޕީޕީއެމުން ތައްޔާރުވަމުންދާއިރު، ޕީޖީގެ މަގާމުގައި ކުރިން ހުންނެވި މުހުތާޒު މުހުސިން ވެސް މަގާމުން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް އޭނާގެ މައްޗަށް ސާބިތުކުރުމަށް ފަހުގައެވެ.
ޖިނާއީ ދައުވާ އުފުލުމުގެ ހަމައެކަނި ބާރު ލިބިފައިވާ ޕްރޮސެކިއުޓާ ޖެނަރަލް މަގާމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރުން ނުފޫޒު ފޯރުވައި، ބިރު ދައްކަމުންދާ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. ބިޝާމަށް ވެސް ސަރުކާރުން ފިއްތުންތަކާއި ނުފޫޒު ފޯރުވަމުންދާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.