ގުޅިފައިވާ ޕާޓީތަކުން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން 141 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ، 139 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 26 އަންހެނަކާއި 113 ފިރިހެނުންނެވެ. ދޫކޮށްލީ ދެ ފިރިހެނުންނެވެ.
ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ވެއެވެ. ޕެޕަރ ސްޕްރޭގެ އިތުރުން ރޭ ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފައެވެ. މަޖީދީ މަގާއި ޗާނދަނީމަގު ޖަންކްޝަން ސަރަހައްދުން މުޒާހަރާ ފެށި ނަމަވެސް، ޖުމްހޫރީ މައިދާނަށް ވެސް ރޭ ދަންވަރުގެ ވަގުތުގައި މުޒާހަރާގެ ބައިވެރިން އެއްވިއެވެ. ނަމަވެސް ފުލުހުން ވަނީ އާއްމުން ފަހަތަށް ޖައްސައި ފަތިސްވާން ގާތްވެފައިވަނިކޮށް މުޒާހަރާ ރޫޅާލާފައެވެ.
ރޭގެ މުޒާހަރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފައި ވެއެވެ.