ރާއްޖޭގެ ދާހިލީ ކަންކަމަށް ޗައިނާއިން ދަނީ ނުފޫޒު ފޯރުވަމުން ކަމަށް ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އދ ގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށް މިވަގުތު އެމެރިކާގައި ހުންނެވި ނަސީމް އެޓްލާންޓިކް ކައުންސިލްގެ ދެކުނު އޭޝިއާ ސެންޓަރުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅަނގުގެ ގައުމުތަކަށް ޗައިނާއިން ދައްކަމުންދަނީ އެއްވެސް ވަރަކަށް ގައުމުތަކުގެ ހާރީޖީ ކަންކަމަށް އެ ގައުމުން ނުފޫޒު ނުފޯރުވާ މަންޒަރު ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ކަން ހިނގަމުންދަކީ މުޅިން އިދިކޮޅަށްކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ ސަރުކާރުގައި ތިއްބެވި އިސްވެރިންނާއި ޗައިނާއިން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ހަމައެހެންމެ ހުދުމުހުތާރު ރައީސަކަށް ގަދަބާރު ދެއްކުމަށް ޗައިނާއިން މަގުފަހިކޮށްދެމުންދާ ކަމަށެވެ.
ނަސީމް ވިދާޅުވެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޑިމޮކްރަސީގެ ރޮނގުން ރާއްޖެއިން ހޯދި ހުރިހާ ކުރިއެރުމެއް ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވި ފަހުން ނެތިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލައްވައި ރައްޔިތުންގެ މަޖިލިސް ވެސް ހިސޯރުކޮށްފައިވާ ކަމަށެވެ. ޗައިނާ ސަރުކާރަށް ހުދުމުހުތާރު ވެރިން ކަމުދާ ކަމަށާއި ހުދުމުހުތާރު ވެރިން ދަރަނީގެ މަޅިއެއްގައި ޖެއްސުމަށް ޗައިނާ ސަރުކާރަށް ފަސޭހަވެގެންދާ ކަމަށް ވެސް ނަސީމް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ހަމައެކަނި ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އެކަންކަމަކީ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަންކަން ކަމަށް ވެސް ނަސީމް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޗައިނާގެ އަމަލުތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތަށްވެސް ނުރައްކާވަމުންދާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.
ނަސީމް މިފަދައިން ވާހަކަ ދައްކަވާފައިވާއިރު ރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަން ރާއްޖޭގެ އެތެރެއިން ހައްލުކުރެވޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.