މިރޭ މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރުމަށް ހަމަ ޖެހިފައިވާ ބޮޑު މުޒާހަރާއަށް ވީހާވެސް ގިނަ ބަޔަކު ނިކުތުމަށް އެޕާޓީތަކުން ގޮވާލައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މިއަދުގެ ހަވީރު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުން ބުނީ މިރޭ "ހުއްޓުވާ" ނަމުގައި ބާއްވާ މުޒަހަރާ އޮންނާނީ 8.30ގައި ޗާންދަނީ މަގާއި މަޖީދީ މަގާއި ގުޅުނު ކަންމަތީގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމިތު ވިދާޅުވީ ސަރުކާރު ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެގެން ގޮސްފައިވާއިރު އެކަން ހުއްޓުވުމަށް ރައްޔިތުން ނިކުންނާނީ ގާނޫނު އަސާސީގައި ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ކަމަށެވެ. އާ އަޒުމަކާއި އާ ހިތްވަރަކާއި އެކު މިރޭ ގިނަ ބަޔަކު ނުކުންނަން ޖެހޭ ކަމަށާއި އެކަން ރައްޔިތުން ނިކުމެ ހުއްޓުވާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ސިޓިންރޫމްތަކުގައި ސޯފާތަކުގައި ތިބެ ޓީވީތަކުން މަންޒަރު ބަލަން ނިތިއްބަވާ ނިކުންނަވާ. މިރޭ މިއީ ޔާމިން އަޅުގަނޑުމެންގެ އަޑު އިއްވާނެ ރެއެއް. ޔާމިނަށް މަޖުބޫރުވާނެ މިއަޑުތައް އައްސަވަން،" އަމީތު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމިގެންދާއިރު ސިފައިންނާއި ފުލުހުން ޢައިރުގާނޫނީ އަމަލުތަކުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމިން ވަނީ ގާނޫނު ހެދުމުގައި ބާރާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުވެސް ސިފައިންނާ ފުލުހުން މެދުވެރިކޮށް ހިސޯރުކޮށްފައި ކަމަށް ތުހްމަތުކުރައްވައިމ އިންތި ވިދާޅުވީ އެމަނިކުފާނު ދިވެހި ދައުލަތައް ދެމުންދާ އުދުވާންތައް ހުއްޓުވޭނީ ރައްޔިތުން ނިކުމެގެން ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރު ރައްޔިތުންނަށް ހޯދަދޭން ރައްޔިތުން މަގުތައްމައްޗަށް ނިކުންނަންވީ ވަގުތު ކަމަށެވެ.